އިޒްރޭލުން ހިންގާ ގަތުލުއާންމަށް ހިފެހެއްޓުމެއް ނެތް ތާއީދު އެމެރިކާއިން ކުރާތީ އާއި އެ އުދުވާނަށް ބައިޑަން ތާއީދު ކުރައްވާ ކަމަށް ބުނެ ދެކޮޅު ހަދަމުން އެތައްހާސް ބަޔަކު އެމެރިކާގެ މަގުތަކަށް ނިކުމެއްޖެއެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންގްޓަނާއި އެހެން ސަރަހައްދުތަކުގައި މިއަދުވެސް ބޮޑެތި މުޒާހަރާތައް ބާއްވާފައި ވާ އިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ވައިޓްހައުސްގެ ބޭރުން ޖަހާފައިވާ ފެންސް ކައިރިއަށް ވެސް އެއްވެ އަޑުއުފުލާފައެވެ.
އެއްވި މީހުން ގޮވަމުން ދިޔައީ "ބައިޑަން އަށް ނުފިލޭނެ ކަމަށާއި ގަތުލުއާންމާ ގުޅިގެން ބައިޑަންގެ މައްޗަށް ދައުވާ ކުރާނެ" ކަމަށެވެ.
އިތުރުން އެމީހުން ގޮވާލަމުން ދިޔައީ އެ ގައުތުއާންމުތައް ހުއްޓުވައި ހަނގުރާމަ ހުއްޓުވުމަށެވެ.
އެއްވި މީހުންގެ ރުޅިގަނޑު ބައިޑަން އަށް އަމާޒު ކުރަމުން ބުނީ, އިޒްރޭލުން ހިންގާ ގަތުލުއާންމަށް ހިތްވަރުދީ ތާއީދު ކުރައްވަނީ ބައިޑަން ކަމަށެވެ.
އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ރައްދުގައި އިޒްރޭލުން ފަށާފައިވާ އުދުވާނަކީ ގަތުލުއާންމަކަށް ބަދަލުވެގެން ދިޔުމުގެ ބިރު އޮތް ކަމެއް ކަމަށް އދ ގެ އެކްސްޕާޓުން ވަނީ އިންޒާރު ކޮށްފައެވެ. ހަމާސް ނައްތާލުމުގެ ނަމުގައި އަންހެނުންނާއި, ކުޑަކުދިންނާއި އާންމުންނަށް އަމާޒު ކޮށް އިޒްރޭލުން ގަސްދުގައި ހަމަލާ ދީ ބޮން އަޅަމުން ގެންދާ ކަމަށް ވެސް އެކްސްޕާޓުން ވަނީ ބުނެފައެވެ.
އަދި ގާޒާގެ ބޭރުން ޔަހޫދީން ހިފާފައި ވާ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް, އެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ހަމަލާ ދެމުން ގެންދާ ކަމަށާއި ވަކިވަކިން ދޭ އެފަދަ ހަމަލާތަކުގައި މިހާތަނަށް ގިނަ ބަޔަކު ޝަހީދު ކޮށްލާފައި ވާ އިރު, 700 އަށް ވުރެ ގިނަ މީހުން ގެދޮރުން ނިކުންނަށް ވަނީ މަޖުބޫރު ކޮށްފައެވެ.
އިޒްރޭލުން ގާޒާގެ ހަމަލާތައް ކުރިއަށް ގެންދާ އިރު ވީހާވެސް ބޮޑަކަށް އާންމުންގެ ރައްކާތެރިކަން ބެލުމަށް އެމެރިކާއިން ގޮވާލާފައި ވީ ނަމަވެސް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކަށް އެއްވެސް ރަތް ރޮނގެއް (ފަހަނައަޅާ ނުދާން ވީ މިންވަރެއް) ކަނޑަނާޅެ ކަމަށް ވެސް ބައިޑަން ވިދާޅުވެފައި ވެއެވެ. ނަމަވެސް ހިފާފައި ވާ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ނުދިނުމަށް އެމެރިކާއިން ގޮވާލައެވެ.
މިހާރުވެސް 10,000 އެއްހާ މީހުން ޝަހީދު ކޮށްލާފައި ވާ އިރު, އެމެރިކާއިން ވަނީ އިޒްރޭލަށް ދޭން އިތުރު 14 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ފާސްކޮށްފައެވެ.
މުޒާހަރާގައި ގިނަ ބަޔަކު ވަނީ އިޒްރޭލަށް އެހީ ދިނުން ހުއްޓާލުމަށް ވެސް ގޮވާލާފައެވެ.
މުޒާހަރާގައި އެމެރިކާގައި ދިރުއުޅޭ ޑުއަލް ޝިޓިޒަންޝިޕް އޮންނަ އެކިއެކި ގައުމުތަކުގެ ރައްޔިތުންނާއި އެމެރިކާގެ ރައްޔިތުންގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވެއެވެ. ވޮޝިންގްޓަންގެ މައި މަގުތައް ފުރާލިއެވެ.
ފަލަސްތީނަށް ތާއީދު ކުރާކަން ހާމަ ކުރާ ޕްލޭ ކާޑުތަކާއި ބެނާތައް ހިފައިގެން އަދި ފަލަސްތީނުގެ ދިދަ ވިހުރަމުން, އަރަބިންގެ ހެދުން ރަންޒުކޮށްދޭ ސްކާފުގައި ގިނަ އަދަދެއްގެ ބަޔަކު ނިކުތް އިރު މިއީ އިރާގު ހަނގުރާމައަށް ފަހު މިހާ ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާއަށް ނިކުތް ފަހަރެވެ.
މިރޭ ސީއެންއެންގައި ވާހަކަ ދައްކަމުން އދ އަށް ކަނޑައަޅާފައި ހުންނަ ޔަހޫދީ އެމްބެސެޑަރު ބުނެފައި ވަނީ, ގާޒާގައި އިންސާނީ ހައްގުތަކާ ހިލާފު އެއްވެސް ޖަރީމާއެއް އިޒްރޭލުން ނުހިންގާ ކަމަށާއި ހުރިހާ ކަމެއް ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.
އިޒްރޭލުން ރެފިއުޖީ ކޭމްޕްތަކަށާއި އާންމުންނަށް އަމާޒު ކޮށް ބޮން ނާޅަންތޯ ސީއެންއެންގެ ރިޕޯޓަރު ތަކުރާރު ކޮށް ސުވާލު ކުރުމުންވެސް އޭނާ ބުނީ, ސީދާ އެކަން އޭނާއަށް ނޭނގޭ ކަމަށާއި ހަމަލަ ދެނީ ހަމާސް އަށް ކަމަށެވެ. އަދި ހަނގުރާމައިގެ ޖަރީމާއެއް އިޒްރޭލުން ނުހިންގާ ކަމަށާއި އަލް ޝިފާ ހޮސްޕިޓަލަށް ހަމަލާ ދިން އިރުވެސް އެތާ ތިބި މީހުން ތިބީ މޮބައިލް ފޯނުން ފިލްމު ބަލަން ކަމަށް ބުންޏެވެ. އޭނާގެ ޖަވާބުތަކުން ރިޕޯޓަރުވެސް ކޮސްވެފައި އިން އިރު އެމްބެސެޑަރު ބުނީ ގާޒާގައި ހިނގާ ކަންކަމަށް ޒިންމާވާން ޖެހޭނީ ހަމާސް އިން ކަމަށެވެ.