އީރާނުން އިޒްރޭލަށް އޮއްސަމުން ދާ މިސައިލްތަކުން ސަލާމަތް ވާން އާންމުން ވަންނާނެ ބިންގަރާސްތައް މުޅި އިޒްރޭލުގައި ހަދާފައި ހުންނަ އިރު، އިޒްރޭލުގެ ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލުގައި އުޅޭ އެކި ގައުމުތަކުގެ މަސައްކަތު މީހުން ވަނަ ނުދީ ބޭރުކޮށްލަމުން އެބަދެއެވެ.

އާންމުވި ބައެއް ވީޑިއޯ ތަކާއި ފޮޓޯތަކުން އަދި ހަބަރުފަތުރާ ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ބުނީ، އިޒްރޭލު މީހުން ބިންގަރާހަށް ވަދެ، ދޮރު ލައްޕާ ތަޅުލަމުން ދާ ކަމަށާއި އެއިން ތަނަކަށް އިޒްރޭލުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާއި މަސައްކަތު މީހުން ވަނަ ނުދޭ ކަމަށެވެ. އެކަން ހާމަވާ ވީޑިއޯއެއް ވެސް ދައުރުވެފައި ވާ އިރު، އެ ވީޑިއޯ އިން ފެންނަނީ އިޒްރޭލުގައި މަސައްކަތުގައި އުޅޭ ތައިލޭންޑްގެ ބަޔަކު ބިންގަރާހަށް ވަދެ ތިއްބާ ނެރެ ބޭރު ކޮށްލި ތަނެވެ.

ހަބަރުތައް ބުނާގޮތުން އެކަން ކުރަނީ، އެބަޔަކު ދިރިއުޅޭ ސަރަހައްދުގެ އަވައްޓެރިންގެ ގޮތުގައި އުޅޭ އިޒްރޭލުގެ ނުބައި ޔަހޫދީން ކަމަށެވެ.

އިޒްރޭލުގެ ރައްވެރިކަން ހޯދައިގެން 2 މިލިއަނެއްހާ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެއެވެ. އެމީހުން ދިރިއުޅެނީ ހިފާފައި ވާ ބިންތަކުގައެވެ.

އިޒްރޭލުގެ ސިޓީތަކާއި ޓައުންތައް އަދި ވިލެޖްތަކުަގައިވެސް މި ނިކަމެތިކަން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުން ދާ އިރު، މިއީ އަމިއްލަ ވަޒަނުގައި ހިމާޔަތެއް ނެތި ބައެއްގެ އަޅުވެތި ކަމުގައި ތިބެން ޖެހުމުގެ ހިތި ނަތީޖާ ކަމަށް މުރާސިލުން ބުނެއެވެ.

މިއީ މުޅިން މުސްލިމުންނެއް ނޫނެވެ. ފަލަސްތީނުގައި ވެސް އެހެން ދީންތަކުގެ މީހުން ދިރިއުޅޭ އިރު ޔަހޫދީންނާއި ނަސޯރާއިން އަދި އެހެން ދީންތަކުގެ މީހުންނާއި މުސްލިމުން އުޅެއެވެ.

އެގޮތުން އިޒްރޭލުގެ އެޕާޓުމަންޓެއްގައި ދިރިއުޅުނު ސަމަރު އަލް ރާޝިދު ނަކަމަށް ކިޔާ އުމުރުން 29 އަހަރުގެ އެކަނިވެރި މަޔަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، ސައިރަންގެ އަޑާއެކު އޭނާގެ 5 އަހަރުގެ ދަރިފުޅު ގޮވައިގެން ބިންގަރާހަށް ދާން ދިޔަ ކަމަށެވެ. އަތުޖެހުނު ފެންފުޅި އަކާއި ފޯން ހިފައިގެން އަވަސް އަވަހަށް ބިންގަރާހަށް ވަންނަން ދިމާކޮށްލި ތަނުން، އޭނާ ވާހަކަ ދައްކަނީ އަރަބި ބަހުން ކަމަށް ވުމުން، ބޭރު ކޮށްލައި މޫނު މައްޗަށް ދޮރު ޖެހި ކަމަށެވެ. އޭރު އެތެރޭގައި އެ އެޕާޓްމަންޓުގައި އުޅޭ ގިނަ އަދަދެއްގެ ޔަހޫދީން ތިބި ކަމަށް ވެސް ބުނެފައި ވެއެވެ.

މިފަދަ ކިތަންމެ ހާދިސާއެއް މިވަގުތުވެސް އިޒްރޭލުގައި ހިނގަމުން ދާ އިރު ހަމަލާތަކަށް ފިލަން ބިންގަރާސްތަކަށް ވަދެ ތިބެނީ މަރު އެމީހުނާ ބައްދަލު ނުކުރާނެ ކަމަށް ބަލައިގެން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.