ދުނިޔޭގެ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ އދ. އެޖެންސީ، އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ދީފި އެވެ.
އެ ދަރަޖަ ފަލަސްތީނަށް ލިބިފައި ވަނީ ސްވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ލޭބާ ކޮންފަރެންސްގައި ނެގި ވޯޓަކުންނެވެ.
ފަލަސްތީނަށް ރަސްމީކޮށް އައިއެލްއޯގެ އޮބްޒާވާ ދަރަޖަ ލިބިފައިވަނީ ރާއްޖޭގެ ވޯޓުވެސް ހިމަނައިގެންނެވެ. އެގޮތުން 386 ގައުމަކުން ފަލަސްތީނާ އެއްކޮޅަށް ވޯޓު ދިން އިރު ފަލަސްތީނަށް ސްޓޭޓެއްގެ ދަރަޖަ ދިނުމާ ދެކޮޅަށް ވޯޓު ދިނީ 15 ގައުމަކުންނެވެ. އަދި 42 މެމްބަރަކު އެ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
މި ލޭބާ ކޮންފަރެންސްގައި ރާއްޖޭގެ ވަފުދަކުން ދަނީ ބައިވެރިވަމުންނެވެ. އެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.
ރައީސް އޮފީހުން ބުނީ އައިއެލްއޯގެ އޮބްޒާވާ ސްޓޭޓުގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ނިންމި ނިންމުމަކީ ތާރީހީ ނިންމުމެއް ކަމަށެވެ. އަދި ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން މަސައްކަތް ކުރަމުންދާއިރު، މިފަދަ ތާރީހީ ނިންމުމެއް ނިމިގެން ދިޔައިރު، ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެކަމާ މެދު ފަހުރުވެރިވާ ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
އައިއެލްއޯއަކީ ވަޒީފާގެ ދާއިރާގައި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އިޖްތިމާއީ އަދުލު އިންސާފު ގާއިމުކުރުމަށް މަސައްކަތްކުރާ އދގެ ހާއްސަ އޭޖެންސީއެކެވެ. އެއީ އދ. ގެ އެފަދަ އެންމެ ފުރަތަމަ އަދި އެންމެ ގިނަ ދުވަސްވީ އެޖެންސީ އެވެ.