ސެންގާލްގެ ވެރިރަށް ޑާކާގައި ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް ބައިނަލްއަގުވާމީ ފެންވަރުގައި އެޅުމަށް ދިވެހި ރާއްޖެއިން ގޮވާލައިފިއެވެ.

އޯއައިސީ އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވައިފައި ހުންނަވާ މަންދޫބު އަދި ސައުދީ އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު މި ކޮންފެރެންސްގައި ތަގުރީރު ކުރައްވަމުން ވަނީ އިރުމަތީ ގުދުސްއާއި ވެސްޓް ބޭންކް އަދި ގާޒާގައި މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރޭކަމަށާއި، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލާ އަދި އެމީހުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައި ސަރީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަރީރު ވަނީ ގޮވާލައްވާފައެވެ.

މި ކޮންފެރެންސް އަކީ އދ ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީއައިއާރްޕީޕީ) އަދި އޯއައިސީ އިން އިންތިޒާމުކޮށްގެން ބޭއްވި ކޮންފެރެންސް އެކެވެ. 1975 ވަނަ އަހަރު އުފެއްދި ސީއައިއާރްޕީޕީގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައްކަމުގައިވާ ބޭރުގެ ނުފޫޒަކާ ނުލާ އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގާއި، މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމުގެ ހައްގާއި، ގައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްގު ތަންފީޒުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. ދިވެހިރާއްޖެ އަކީ 1976 ވަނަ އަހަރުން ފެށިގެން އޯއައިސީގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމިއްޔާގެ މެމްބަރު ގައުމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލުން ގައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އެކުލަވާލި ނަމަވެސް މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެ އެއްބަސްވުން އުވާލައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 6،964 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 24،576 މީހުން ވަނީ ޒަހަމްކޮށްލާފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަން ކުރަންދެން ދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. މި ވާހަކަ ތަކުރާރު ކޮށް އދ ގައި ހުންނަ އިޒްރޭލު އެމްބެސެޑަރު ބުނެފައި ވަނީ، "މިފަހަރު ހަމްދަރުދީ ވުމެއް ނެތް ކަމަށާއި އިޒްރޭލް ހުއްޓާލާނީ ހުރިހާ ރަހީނުން ގެއަށް ގެނެވުނީމައި ކަމަށް" އެވެ.