ގާޒާ ސިޓީގެ އުރުތާއި ދެކުނުގެ ގުޅުން ކަނޑުވާލައި ޔަހޫދީ ޓޭންކަރުތައް ގާޒައަށް ވަދެެއްޖެއެވެ. އެތައް ދިމާއަކުން އެއްފަހަރާ އަރައިގަންނަމުން ދާ އިރު، ރަށްބޭރުން ވަންނަން މަސައްކަތް ކުރަމުންދާ ޔަހުދީ ފައުޖުތައް މައިތިރި ކުރެވޭތޯ ހަމާސް އިން ހަމަލާ ދެމުންވެސް އެބަގެންދެއެވެ.

އަލްޖަޒީރާއިން ބުނީ، ދެފަރާތުގެ ދެމެދުގައި ވަރުގަދައަށް ހަމަލާ ބަދަލުކުރުން ކުރިއަށް ދާ ކަމަށާއި ސަލާހް އަލް ދީން ސްޓްރީޓާއި ޒައިތޫން ޑިސްޓްރިކްޓަށް ވަދެ ތިބި ޔަހޫދީން، މަގުމަތިން ފެންނަ ކޮންމެ ވެހިކަލަކަށް ހަމަލާ ދެމުން އެބަ ގެންދާ ކަމަށެވެ.

ހަބަރުތައް ބުނާގޮތުން ހަނގުރާމައިގެ ދެވަނަ ފޭސް މިހާރު ފެށިފައި ވާ އިރު ގިނަ އަދަދެއްގެ ޓޭންކްތައް ވަނީ ގާޒާ ސިޓީގެ ދެކުނުން ވަދެގަންފައެވެ. އެ ޓޭންކުތަކުގެ މިސްރާބު ހުރި ހުޅަނގު ފަޅިއަށް ދިއުމަށް ކަމަށާއި ދިމާވާ ކޮންމެ އުޅަނދަކަށާއި އެމީހުންނަށް ޝައްކުވާ ކޮންމެ ތަނަކަށް ހަމަލާ ދެމުން ގެންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެގޮތުން މަގުމަތިން އާންމުންގެ ވެހިކަލެއް ފެނުނަސް، އެމްބިއުލާންސެއް ފެނުނަސް ގޮއްވާލާމުން ދާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިހާރު ޓޭންކްތައް ދަތުރުކުރަމުން ދާ ގޮތަށް ބަލާއިރު، ގާޒާގެ ދެކުނާއި އުތުރާއި އިރާއި ހުޅަނގު ގުޅެ ޖަންކްޝަން އަތުލަން މިސްރާބު ހުރި ކަމަށާއި އެތަން އަތުލެވިއްޖެ ނަމަ، ގާޒާގެ އެކި ދިމަދިމާއަށް ދަތުރުކުރާއި ގުޅެ ހަތަރު އަނގޮޅި އިޒްރޭލުގެ ކޮންޓްރޯލަށް ދާނެއެވެ. އަދި ނަތީޖާއަކަށް ވާނީ ގާޒާގެ ދެކުނާއި އުތުރު އެއްކޮށް ވަކިކޮށްލައި އަމާޒު އުތުރަށް ހިފުމެވެ.

އެއްގަމު މަގުން ގިނަ އަދަދެއްގެ ޓޭންކްތައް ވަދެފައި ވާ އިރު އިޒްރޭލުން ވަނީ އުތުރާއި ދެކުނާ ދެމެދު ދަތުރު ނުކުރުމަށް އާންމުންނަށް އިންޒާރު ދީފައެވެ.

ދެކުނުން ސިޓީ ތެރެއަށް ޓޭންކްތަކާއެކު އަރާފައި ވާއިރު އުތުރު ބިތުން ސިޓީތެރެއަށް އަރައިގަތުމަށް ވެސް އިޒްރޭލުން މަސައްކަތް ކުރަމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ.

މި ހަބަރުތައް ހަމާސްގެ ތަރުޖަމާން ހާޒިމް ގަސެމް އަލްޖަޒީރާއަށް ޔަގީން ކޮށްދެމުން ބުނެފައި ވަނީ، އިޒްރޭލުން ގާޒާގެ ދެކުނު ބޮތުގެ ސަރަހައްދެއް މިހާރު ހިފާފައި ވާ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ، ހަމާސްގެ ޓީމުތަކުން ތިބީ ތައްޔާރަށް ކަމަށާއި އެއްގަމު މަގުން ޔަހޫދީންނާ ކުރިމަތިލާނެ ކަމަށެވެ.

އެއްގަމު މަގުން ގެރިއްލާ ހަނގުރާމައެއް ފެށުމަކީ އެތާނގައި މިހާރުވެސް ދިރިއުޅޭ އެތައް ބައެއްގެ ފުރާނަ ދާނެ ކަމެއް ކަމަަށް ބައިނަލްއަގުވާނީ އެތައް ޖަމާއަތަކުންނާއި ގައުމަކުން ދަނީ އިންޒާރު ދެމުންނެވެ.

3 ހަފްތާވީ ހަމަލާތަކުގައި މިހާރުވެސް ގާޒާގެ 3195 ކުދިން އިޒްރޭލުން ވަނި ޝަހީދު ކޮށްލާފައެވެ. 1000 ކުއްޖަކު ގެއްލިފައި ވާ އިރު، 6360 ކުދިން ވަނި ޒަހަމްވެފައެވެ.