ފަލަސްތީނުގެ ގާޒާގައިގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ދެ ފަރާތުން ގައިދީން މިނިވަންކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ކަންކަމަށް ހަމާސް އާއި އިޒްރޭލުން އެއްބަސްވެއްޖެއެވެ.

ހަމާސް އާއި އިޒްރޭލުން މިކަމަށް އެއްބަސްވިކަން ހާމަކުރެއްވީ ޓްރަމްޕު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތުއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ރަހީނުކޮށްފައިވާ ބައެއް މީހުން ހޯމަ ދުވަހު ދޫކޮށްލުން އެކަށީގެންވާ ކަމަށެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރުމަށް ތައްޔާރުވަމުން އަންނައިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި މަސައްކަތް ފެށުމުގެ ގޮތުން ކެބިނެޓު ބައްދަލުވުމެއް ބާއްވާނެކަން ހާމަކޮށްފައެވެ. އަދި ފުރަތަމަ މަރުހަލާގައި ފަލަސްތީނުގެ، ގާތްގަނޑަކަށް 2،000 ގައިދީން މިނިވަންކުރުމަށް ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 މީހުންނާއި ގާޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އިތުރު 1،700 މީހަކު ހިމެނޭއެވެ. މީގެ އިތުރުން ހަމާސް ޖަމާއަތުން އިޒްރޭލުގެ 20 އަސީރުން މިނިވަންކުރުމަށް ހަމަޖެހިފައިވާއިރު އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރު ތެރޭގައި މީހުން މިނިވަންކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ވަނި ހަމަޖެހިފައެވެ.

މީގެ އިތުރުން ފުރަތަމަ ފަސް ދުވަސް ތެރޭ ކޮންމެ ދުވަހަކު މަދުވެގެން 400 ޓްރަކްގެ ގާޒާއަށް ވެއްދުމަށް އެއްބަސްވެފައިވާއިރު ގާޒާ އިން ނެރެލާފައިވާ މީހުންނަށް އެބުރި އައުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.