އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގާޒާއަށް ހުށަހެޅުއްވި 15 ނުކުތާގެ ޕްލޭން ގަބޫލުނުކޮށް، ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެއްކޮށް ހަތިޔާރު ނުބަހައްޓަނީސް އިޒްރޭލު ސިފައިން ގާޒާއިން ނުފައިބާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އާދީއްތަ ދުވަހު އޮތް ކެބިނެޓް ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނީ، މިދިޔަ މަހު ހަމާސްއިން ބަލައިގަތް 15 ނުކުތާގެ ޕްލޭން އިޒްރޭލުން ގަބޫލުނުކުރާ ކަމަށެވެ. އަދި ހަމާސްއިން ހަގީގީ މާނައިގައި ހަތިޔާރު ނުބަހައްޓަނީސް އިޒްރޭލު ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށާއި، އިޒްރޭލުގެ ރައްޔިތުންނާއި ސިފައިންނަށް އޮތް ނުރައްކާތައް ހުއްޓުވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. މީގެ އިތުރުން، އޭނާ ބޮޑުވަޒީރުކަމުގައި ހުރިހާ ހިނދަކު ފަލަސްތީނުގެ ދައުލަތެއް އުފެދުމަށް ޖާގަ ނުދޭނެ ކަމަށް ވެސް ބުންޏެވެ. އިޒްރޭލުން ބޭނުންވާ ހަތިޔާރު ބެހެއްޓުމުގެ މާނައަކީ ލުއި ހަތިޔާރު ހިމެނޭ ގޮތަށް ހުރިހާ ބާވަތެއްގެ ހަތިޔާރެއް ނައްތާލުން ކަމަށް ވެސް އޭނާ ބުނެއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ވައިޓް ހައުސްއިން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި ޓެލެގްރާމް މެދުވެރިކޮށް ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމާއަތުން އަދިވެސް އޮތީ އެ ޕްލޭން ތަންފީޒު ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި މި މަރުހަލާއަށް ހުރަސްއެޅިދާނެ ފަދަ ކަންކަން ހުއްޓުވުމަށް މެދުވެރިންނާއި ޖާމިނުވާ ގައުމުތަކުން އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް ހަމާސްއިން ވަނީ ގޮވާލާފައެވެ.
ޖުލައި 30 ވަނަ ދުވަހު ޓްރަމްޕް އިއުލާން ކުރެއްވި މި ޕްލޭނަކީ ހަމާސްއާއި ގާޒާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި އެހެނިހެން ޖަމާއަތްތަކުން އެއްކޮށް ހަތިޔާރު ބެހެއްޓުމަށް ހުށަހަޅާފައިވާ ޕްލޭނެކެވެ. މި އެއްބަސްވުމަކީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އިސްވެ އޮވެ އުފެއްދި "ބޯޑް އޮފް ޕީސް" ގެ މަސައްކަތެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ގާތްގަނޑަކަށް 40 ގައުމު ހިމެނޭ މި ބޯޑުގައި އިޒްރޭލާއި ބައެއް އަރަބި ގައުމުތައް ހިމެނުނު ނަމަވެސް، ފަލަސްތީނުގެ އެއްވެސް މަންދޫބަކު ނުހިމެނެއެވެ. އަދި މި ބޯޑުގެ ޗެއާމަންގެ މަގާމުގައި އުމުރުދުވަހަށް ހުންނަވާނީ ޓްރަމްޕް ކަމަށް ވަނީ ކަނޑައަޅާފައެވެ. 15 ނުކުތާގެ މި ޕްލޭންގައި ފުރަތަމަ އިސްކަންދީފައިވަނީ ހަމާސްގެ ބަރު ހަތިޔާރުތަކާއި، އަސްކަރީ އުފެއްދުންތައް އުފައްދާ ތަންތަނާއި، ހަތިޔާރު ގުދަންތަކުގެ އިތުރުން ބިމުއަޑީގެ ޓަނަލްތައް ނައްތާލުމަށެވެ.
މި ޕްލޭންގެ ދަށުން ގާޒާގެ ދުވަހުން ދުވަހަށް ހިންގުން ފަލަސްތީނުގެ ޓެކްނޮކްރެޓިކް ކޮމިޓީއަކާ ހަވާލުކުރުމަށް ހަމަޖެހިފައި ވާއިރު، އެ ކޮމިޓީ މަސައްކަތް ކުރާނީ ބޯޑް އޮފް ޕީސްގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އަލްޖަޒީރާގެ ރިޕޯޓަރުން ފާހަގަކުރާ ގޮތުގައި، އިޒްރޭލުގެ އެއްބާރުލުމާ ނުލައި މިކަން ކުރިއަށްގެންދިއުމުގެ ބާރު ބޯޑަށް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، ޓްރަމްޕް އިޒްރޭލާ ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައިފިނަމަ، އެމެރިކާގައި އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކުރާ ރިޕަބްލިކަން ޕާޓީގެ ގިނަ ބަޔަކު ވެސް އެގޮތަށް އަމަލުކުރުން އެކަށީގެންވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއާއި އިޒްރޭލާ ދެމެދު ނަމަކަށް އެއްބަސްވި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށްފަހު ވެސް، އިޒްރޭލުން ދަނީ ގާޒާއަށް މެދުކެނޑުމެއްނެތި ހަމަލާދެމުންނެވެ. ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ހަވާލާދީ އަލްޖަޒީރާއިން ބުނާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރެއިން ފެށިގެން މިހާތަނަށް 1،258 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 4،139 މީހުން ޒަހަމްވެފައިވާއިރު، އިމާރާތްތަކުގެ ދަށުން 800 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ނަގާފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގާޒާގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 73،386 އަށް އަރާފައެވެ. އަދި 174،250 މީހުން ވަނީ ޒަހަމްވެފައެވެ.
ގާޒާގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް އިޒްރޭލު ސިފައިންނާއި ވަޒަންވެރިން ދަނީ ކޮންމެ ދުވަހަކު ހަމަލާތައް ދެމުންނެވެ. ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނާބުލްސްއާއި ބައިތުލަހަމްގެ އިރުމަތީގައިވާ ބައެއް އަވަށްތަކަށް އިޒްރޭލު ސިފައިން ވަދެގަނެ، ގިނަ ގެތަކަކަށް ވަނީ ގެއްލުންދީފައެވެ. މީގެ އިތުރުން، އިޒްރޭލުގެ ފުލުހުންނާ ގުޅިގެން ޔަހޫދީންގެ ބަޔަކު ވަނީ ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާއަށް ވެސް ވަދެގަނެފައެވެ.
ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނު މީހުންގެ މުދަލަށާއި ދަނޑުބިންތަކަށް އިޒްރޭލުގެ ވަޒަންވެރިން ގެއްލުންދެމުން ދާއިރު، ޖެނިންގެ ހުޅަނގުދެކުނުގައި އޮންނަ އައްރާބާގައި "އެމެކް ޑޮޓާން" ގެ ނަމުގައި އާ ގައިރު ގާނޫނީ އާބާދީއެއް ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އިޒްރޭލުގެ ވަޒީރުންނާއި ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.
