އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް އަރާ އަސީރު ކޮށް ގާޒާ އަށް ގެންދިޔަ މީހުންގެ ތެރެއިން 50 މީހަކު އިޒްރޭލުގެ ހަމަލާތަކުގައި މަރުވެއްޖެ ކަމަށް އެޖަމާއަތުން ބުނެފިއެވެ.
އެ ޖަމާއަތުން ބުނާގޮތުގައި އަސީރުންގެ ގޮތުގައި އިޒްރޭލުގެ މީހުން ހިމެނޭހެން ޖުމްލަ 250 މީހަކު އެމީހުންގެ ބެލުމުގެ ދަށުގައި ތިއްބެއެވެ. އިޒްރޭލުން ބުނެފައިވަނީ ހަމާސް އިން އަސީރު ކުރީ އިޒްރޭލުގެ 229 މީހުން ކަމަށެވެ.
ހުއްޓުމެއް ނެތި ގާޒާއަށް ބޮން އަޅަމުން ގެންދާތާ 3 ހަފްތާ ވެފައި ވާ އިރު, އިޒްރޭލުގެ ހަމަލާތަކުގެ އަމާޒަކީ މައިގަނޑު 2 ކަމެއް ކަމަށް ބުނެއެވެ. އެއް ކަމަކީ ހަމާސް އެއްކޮށް ނައްތާލުމެވެ. ދެވަނަ ކަމަކީ އަސީރުން މިނިވަން ކުރުމެވެ.
ނަމަވެސް އިޒްރޭލުގެ ހަމަލާތަކުއި އަސީރުންގެ ތެރެއިން 50 މީހަކު މަރުވި ކަމަށް ހަމާސް އިން ބުނެފައި ވުމުން, އިޒްރޭލުގެ ހަމަލާތަކުން ހާސިލުކުރަން ބޭނުންވާ ނަތީޖާ އަކީ އެއީ ނޫން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން ބޮން އެޅުމުގައި އާންމުން ދިރިއުޅޭ ތަންތަނާއި ސިއްހީ ހިދުމަތް ދޭ ތަންތަން ޓާގެޓަކަށް ހަދާފައި ވާ އިރު ޝަހީދުވެފައި ވާ ގިނަ މީހުންނަކީ އާންމުންނާއި ކުޑަކުދިންނާއި އަންހެނުން ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ. މިހާތަނަށް 7028 މީހަކު ޝަހީދުވެފައި ވާ އިރު އޭގެ ތެރޭގައި 40 ޕަސެންޓަކީ ކުޑަކުދިންނެވެ.
ހަމާސް އިން އަސީރު ކުރި މީހުންގެ ތެރެއިން ހަނގުރާމަ ފެށުނުތާ ފުރަތަމަ ދެހަފްތާގެ ތެރޭގައި 4 މީހަކު ވަނީ މިނިވަން ކޮށްފައެވެ. އެއީ އެމެރިކާގެ 2 އަންހެނަކާއި އިޒްރޭލަށް ނިސްބަތްވާ 2 އަންހެނެކެވެ.
ހަނގުރާމައިގެ އެންމެ ފަހުގެ ހަބަތުރަކަށް ބަލާއިރު އިޒްރޭލުން މިހާރު ބުނަމުން ދަނީ ހަމާސްގެ މުޖާހިދުން ފިލާ ތިބީ ބޮމުގެ ހަމަލާތަކުގައި ޒަހަމްވެ ފަރުވާ ދިނުމަށް މީހުން ވައްދާ ފުރިބާރުވެފައި ވާ އަލް ޝިފާ ހޮސްޕިޓަލްގައި ކަމަށެވެ. އެ ހޮސްޕިޓަލްގެ 3ޑީ ކުރެހުންތައް ހަދައި އެތާނގެ އަޑީގައި ބިންގަރާސްތައް ހުރި ކަމަށާއި މުޖާހިދުން ފިލާތިބީ އެތާ ކަމަށް ވަނީ ބުނެފައެވެ.
މުރާސިލުން ބުނާގޮތުގައި އިޒްރޭލުގެ މިވާހަކަތަކަކީ އެ ހޮސްޕިޓަލަށް ބޮން އެޅުމަށް ދައްކާ ބަހަނާއެކެވެ. އެ ހޮސްޕިޓަލްގެ ޑޮކްޓަރަކު މިރޭ ބީބީސީ އާ ވާހަކަ ދައްކަމުން ބުނީ, ތެޔޮ ހުސްވެ ހުއްޓުމަކަށް އަންނަ ހާލުގައި އޮތް ހޮސްޕިޓަލްގެ ތަޅުން މައްޗާއެކު ފުރިބާރުވެފައި ވަނީ ބޮޑެތި ޒަހަމްތަކާއެކު ތި މީހުންނައިގެން ކަމަށެވެ. ފަރުވާދެވޭނެ ގޮތްތައް ހުއްވެ, ވަސީލަތްތައް ނެތް ކަމަށާއި ގިނަ ބަޔަކު ތިބީ މަރުގެ ތުންފަތްމަތީގައި ކަމަށެވެ. އަދި އޭނާ އަށް އެނގިގެން ހޮސްޕިޓަލްގެ އަޑީގައި ހުރީ އިންޖީނު ރޫމައި ސްޓޮކް ކަމަށާއި އެތާ އިންސާނަކު ފިލާ ނެތްކަމަށެވެ.
ހަމާސްގެ މުޖާހިދުން ގާޒާގެ ބިމުއަޑީގެ ޓަނަލްތަކުގައި ފިލާ ތިބި އިރު އަސީރު ކުރި މީހުންވެ ތިބީ އެތަންތާނގައި ކަމަށް ހަބަރުތައް ބުނެއެވެ. އެންމެ ފަހުން ދޫކޮށްލި އަސީރުން ކިރައިދިން ގޮތުން, ބިމު އަޑީގައި އެތައް ކިލޯމީޓަރަކަށް ފެތުރިފައި ހުރި މަގުތައް ހުރިކަމަށާއި އެ ތަންތާނގައި ނިދާ ކައިބޮއެ ހެދޭ ގޮތަށް ކޮޓަރިވެސް ހަދާފައި ވާ ކަމަށް ބުނެފައި ވެއެވެ. އަދި އެ މަގުތައް ހުންނަނީ މަކުނު ވާފުރާފައި ހުންނަ ގޮތަށް އެކި ދިމަދިމާއަށް ދެވޭގޮތަށް ކަމަށް ވެސް ބުނެފައި ވެއެވެ.
ހިނގަމުން މިދާ ގަޑިތަކުގައި ގާޒާގެ ބޮޑުބަޔަކުން ކަރަންޓުކެނޑި އިންޓަނެޓު ކެޑިފައި ވާ އިރު, ބައެއް ޑިސްޓްރިކްޓް [އަވަށް] ތަކުގައި ހިނގާ ކަންކަން ސާފުކޮށް މިހާރަކު ނޭނގެއެވެ. އަޅަ ބޮންތައް ގޮވާ އަޑު އިވެމުން ދިޔަ ނަމަވެސް ޝަހީދުވަނީ އަދި ޒަހަމްވަނީ ކިތައް މީހުންކަން ދެނެގަތުން މިވަގުތަށް ވަނީ އުނދަގޫވެފައެވެ. ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލާވެސް ގުޅުން ކެނޑިފައި ވާ ކަމަށް ރިޕޯޓަރުން ބުނެއެވެ.
ގާޒާއިން ވާހަކަ ދެއްކި ނޫސްވެރިއަކު ބުނީ, މިވަގުތު ދުނިޔޭގެ ކަނކޮޅުތަކާ ގުޅޭނެ ހަމައެކަނި ގޮތަކަށް އޮތީ ސެޓެލައިޓް ފޯން ކަމަށާއި މުއާމަލާތު ކުރަން އެނޫން އެއްވެސް ވަސީލަތެއް މިވަގުތު ނެތް ކަމަށެވެ. ރިޕޯޓަރުން ބުނީ މުވާލަސާތީ ހިދުމަތްތައް ކެނޑުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން އެހެން ދިމާވީ އިޒްރޭލުން ބޮން އެޅުމުގެ ސަބަބުންކަން އަދި ބުނެދޭން ނޭނގޭ ކަމަށެވެ.
ގާޒާގައި ހިދުމަތްތައް ދިނުމަށް ތެޔޮ ބޭނުންވާ އިރު އެ ތެޔޮ ގާޒާއާ ހަމައަށް ފޯރަނީ އިޒްރޭލުން ވައްދައިދިނީމައެވެ. މިވަގުތު ތެލުގެ ހިދުމަތް ހުއްޓާލާފައި ވުމުން, ގާޒާގެ އެތެރޭގެ ގިނަ ހިދުމަތްތައް ވަނީ ހުއްޓިފައެވެ.
މިއާއެކު ޓަނަލްތަކުގައި ތިބި ހަމާސްގެ މިޖާހިދުންނަށް ވެސް ދަތިތަކާ ކުރިމަތިވާނެ ކަމަށާއި އެމީހުން ޓަނަލްތަކަށް ބޭނުންވާ ވައި އެތައްހާސް ކިލޯމީޓަރެއްގެ ދުރުގައި އިންޖީނުތައް ބަހައްޓައިގެން ފޯރުކޮށް ދެމުން އަންނަ އިރު ތެޔޮ ހުސްވުމުން ޓަނަލްތެރޭގައި ހާސްކަން އުފެދޭނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ބުނެފައި ވެއެވެ. އެ ޖަނަރޭޓަރުތައް ހުރި ތަންތަން ނޭނގުނަސް އެތަކެތި ހިންގުމަށް ތެޔޮ ބޭނުންވާނެ ކަމަށާއި އިޒްރޭލުން ދިނިއްޔާ ނޫނީ ތެޔޮ ލިބޭނެ ހަމައެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ބުނެއެވެ.