އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހުގެ ރޭ ސެންގް މާއީ އަށް ހޭލެވުނީ މިޔަންމާގެ އަސްކަރިއްޔާ އިން ދިން ހަމަލާއެއްގެ އަޑުފައްގަނޑުގެ ސަބަބުނެވެ. އޭރުވެސް އޭނާ ދިރިއުޅެމުން ދިޔައީ މިޔަންމާގެ އުތުރުގެ ކަޗިން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށް ހާއްސަކޮށްފައިވާ ކޭމްޕެއް ކަމަށްވާ މުންގް ލައި ހްކިއެޓްގައެވެ.
އުމުރުން 21 އަހަރުގެ ޒުވާނާ ބުނީ އެ އަޑު އެހާ ގަދަކަމުން އޭނާ ސަލާމަތް ވެދާނެ ކަމަށްވެސް ހީނުކުރާކަމަށެވެ.
ކައިރީގައި ހުރި އަސްކަރީ ޕޯސްޓަކާ ދިމާލުން އަލިފާނުގެ ބޯޅަތައް އަންނަން ފެށުމުން ދިއުމުން އޭނާ ވަނީ ވަޅުގަނޑެއްގެ ތެރެއަށް ވަދެ ސަލާމަތްކަން ހޯދާފައެވެ.
ބޮމުގެ ހަމަލާތައް ނިމުނުއިރު 12 ކުޑަކުދިންނާއެކު އާންމުންގެ 28 މީހުން މަރުވެ އެތައް ހިޔާއެއްގެ އިތުރުން ކިންޑަގާޓަންއަކާއި ޗާޗެއް ވަނީ ހަލާކުވެފައެވެ. 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަންގް ސަން ސޫކީގެ އިންތިހާބީ ސަރުކާރުގެ އަތުން ވެރިކަން އަތުލި އަސްކަރިއްޔާއަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތު ކުރާއިރު، އެ ހަމަލާގެ ޒިންމާ އެ ގައުމުން ވަނީ ދޮގުކޮށްފައެވެ.
ނަމަވެސް އާންމުންނާއި މަދަނީ ސަރަހައްދުތަކަށް އަމާޒުކޮށް އެ ޖަމާއަތުން ދޭ ހަމަލާތަކުގެ ރެކޯޑް ވަރަށް ބޮޑަށް އޮތް އިރު، ބަޣާވާތަށް ފަހު އެ ޖަމާއަތުގެ އަމަލުތައް ވަނީ ވަރަށް ބޮޑަށް ހުތުރުވެފައި ކަމަށް އދ އިން ކަނޑައަޅާފައިވާ ތަހުގީގީ މެކޭނިޒަމެއްގައި ބުނެފައި ވެއެވެ. އޮގަސްޓް މަހު އެ މެކޭނިޒަމް އިން ނެރެނު ބަޔާނެއްގައި ބުނެފައި ވަނީ އަސްކަރިއްޔާއިން ވަރަށް ގިނައިން ވަރުގަދަ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމަށެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން މިދިޔަ މަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ބަޣާވާތަށް ފަހު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު އަސްކަރިއްޔާއިން އާންމުންގެ 3،800 މީހުން މަރާލައި، ގާތްގަނޑަކަށް 75،000 އާންމުންގެ މުދާ ހަލާކުކޮށް، ގާތްގަނޑަކަށް 1،000 އެއްހާ ވައިގެ ހަމަލާ ދީފައިވާ ކަމަށެވެ.
"އަދުލުއިންސާފު އޮތް ގޮތުން، އަސްކަރީ އަމަލުތައް ހަރުކަށިކަމާއި އަނިޔާވެރިކަން ވަނީ އިތުރުވެފައި" ރިޕޯޓުގައި ވެއެވެ.
ދާދި ފަހުން މުންގް ލައި ހްކްޔެޓަށް ދިން ހަމަލާ އަމާޒުކޮށްފައި ވަނީ 2011 ވަނަ އަހަރުން ފެށިގެން ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ އާންމުންނަށެވެ.
މުންގް ލައި ހްކިއެޓް ހަމަލާގައި ގެދޮރު ގެއްލިފައިވާ އެތައް ޒުވާނުންނެއް މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެ ހާދިސާގެ ސަބަބުން ހިތާމައާއި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި އެމީހުން ދާން ރައްކާތެރި ތަނެއް ނެތްކަން އިހުސާސް ކުރެވުނު ކަމަށްވެސް ބުންޏެވެ.
"ރޭގަނޑު ނިދަން ބޭނުންވިޔަސް އެ ހަމަލާގެ ހަނދާންތައް އާވާތީ ނިދަން ވަރަށް އުނދަގޫ. ވެދާނެ ގޮތަކާމެދު ބިރުވެރިކަމާއި ކަންބޮޑުވުމެއް އިހުސާސް ކުރެވެނީ." 2011 ވަނަ އަހަރުން ފެށިގެން މުންގް ލައި ހްކިއެޓްގައި ދިރިއުޅެމުން އަންނަ ސެންގް މައި ބުންޏެވެ.
"ރައްކާތެރި ތަނެއް ނެތް"
މިޔަންމާގެ ގިނަ ނަސްލުތަކުގެ މައިނޯރިޓީތަކެކޭ އެއްފަދައިން ކަޗިން މީހުންނަކީ ވެސް ބަޣާވާތުގެ މާ ކުރިން ވެސް އަސްކަރިއްޔާއިން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމާޒަކަށް ވީ މީހުންނެވެ. އެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ތިބި ނަސްލީ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ކަޗިން އިންޑިޕެންޑެންސް އޯގަނައިޒޭޝަން (ކޭއައިއޯ) އިން 1961 ވަނަ އަހަރު އަމިއްލަވަންތަކަން ހޯދުމުގެ މަސައްކަތް ފަށާފައި ވާއިރު، އޭގެ ފަހުން އަސްކަރިއްޔާއިން ވަނީ "ފޯ ކަޓްސް" ގެ ނަމުގައި ސްޓްރެޓެޖީއެއްގެ ދަށުން ކާބޯތަކެއްޗާއި ފައިސާ އާއި އިންޓެލިޖެންސް އަދި ރެކްރޫޓްންނަށް ލިބޭ ފުރުސަތު ކަނޑާލަން މަސައްކަތް ކޮށްފައެވެ.
2011 ވަނަ އަހަރުގެ ފަހުން ހިނގި ހަމަނުޖެހުންތަކުގައި ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލުނު އިރު އޭގެ ތެރެއިން ގިނަ މީހުން ވަނީ ކޭމްޕްތަކަށް ހިޖުރަކޮށްފައެވެ. ޣައިރު ގާނޫނީ އެސޯސިއޭޝަންތަކާ ބެހޭ ގާނޫނުގެ ދަށުން ކޭއައިއޯއާ ގުޅުން ބަދަހިކުރުން ނުވަތަ ތާއީދުކުރުން އަސްކަރިއްޔާއިން ކުށަކަށް ހެދުމާއެކު، ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ވަނީ މިޔަންމާގެ ޗައިނާއާ އެކު އޮންނަ އިރުމަތީ ބޯޑަރު ކައިރީގައި ވާ ކޭއައިއޯ ސަރަހައްދުގައި ހިމާޔަތް ހޯދާފައެވެ.
އަނެއްކާވެސް ކުރިމަތިލުންތައް ފެށުނުތާ މަދު އަހަރުތަކެއް ފާއިތުވެގެން ދިޔައިރު، ކޭމްޕްތަކުގެ ރައްޔިތުން ވަނީ އެމީހުންގެ ސަލާމަތްތެރިކަން ހޯދުމަށް ވަޅުގަނޑުތައް ކޮންނަން ފަށާފައެވެ.
2019 ވަނަ އަހަރު އަންގް ސަން ސޫކީ އިސްވެ ހުންނަވާ މަދަނީ ސަރުކާރުން ކަޗިން މަދަނީ ޖަމިއްޔާތަކާ އެކު މަޝްވަރާ ކުރަން ފެށީ ގެދޮރު ގެއްލިފައިވާ މީހުން އެމީހުންގެ އަވަށްތަކަށް އަނބުރާ ގެނައުމާ ބެހޭ ގޮތުންނެވެ. ނަމަވެސް، ކޭއައިއޯ އާއި އަސްކަރިއްޔާއާ ދެމެދު ހަނގުރާމަ ހުއްޓާލުމާއި، އެނބުރި އައި މީހުންނަށް ސަލާމަތީ އެއްވެސް ގެރެންޓީއެއް ދީފައި ނެތުމުން، ކަޗިން މީހުން އެކަމާ ދެކޮޅުހެދިއެވެ.
ނަމަވެސް އެ ކޭމްޕުތަކުން އެމީހުންނަށް ކުޑަ ހިމާޔަތެއް ދެވިދާނެކަން ގިނަ ބަޔަކަށް ވިސްނުނެވެ.
"2011 ވަނަ އަހަރު ހަނގުރާމަ އަލުން ފެށި ފަހުން މުޅި ލައިޒާ ސަރަހައްދަކީ ރައްކާތެރި ތަނަކަށް ނުވި ނަމަވެސް ރައްކާތެރިކަން ހޯދުމަށް ދާނެ އެހެން ތަނެއް އަހަރެމެންނަކަށް ނެތް." ވޯއި ޗައި ކޭމްޕްގެ ޒުވާން ލީޑަރެއް ކަމަށްވާ އާހް ޕްޔަންގް ބުންޏެވެ.
ނަފްސާނީ ގޮތުން ބިރުވެރިކަމެއްގައި
ބަޣާވާތަށް ފަހު ކަޗިން ޖަމާއަތުގެ މީހުން އިތުރަށް ނާޒުކުވީ މުޅި ގައުމުގެ ސަލާމަތީ ހާލަތު ގޯސްވުމުންނެވެ. މަހެއްހާ ދުވަހުގެ ތެރޭގައި އަސްކަރިއްޔާ އިން ވަނީ ހަމަނުޖެހުން ހިންގާ އެތައް ސަތޭކަ ބަޔަކު މަރާލާފައެވެ. އާ ރެސިސްޓެންސް ގްރޫޕްތަކަށް ތަމްރީނާއި ހަތިޔާރު ފޯރުކޮށްދިނުމުގައި ކޭއައިއޯ އިން ހަރަކާތްތެރި ވަމުން އަންނައިރު، އަސްކަރީ ފައުޖުތަކާ ވެސް ގަވާއިދުން ކުރިމަތިލުންތައް ހިންގައެވެ.
ފަހަކަށް އައިސް ލައިޒާއާ ކައިރި ސަރަހައްދުތަކުގައި ކުރިމަތިލުންތައް އާންމުވެފައި ވާއިރު، މުންގް ލައި ހްކިއެޓްގެ ރައްޔިތުން އެލާޓްގައި ތިބި ނަމަވެސް އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު ދިން ހަމަލާއަކީ އެއްވެސް އިންޒާރަކާ ނުލައި ދިން ހަމަލާއެކެވެ.
އާހް ޕްޕުންގް ބުނިގޮތުގައި މި ހަމަލާގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ މެދުގައި ބިރުވެރިކަން އާ ދަރަޖައަކަށް އުފެދިއްޖެއެވެ. "ހަނގުރާމަ އަލުން ފެށި ފަހުން އާންމުކޮށް އަހަރެމެންގެ ކައިރީގައި ބޮންތައް ވެއްޓިފައި އޮތް ނަމަވެސް އަހަންނަށް ހީވީ އެ ދުވަސްވަރު ވަޅުގަނޑުތަކުގައި ހިމާޔަތް ހޯދިދާނެކަމަށް" އޭނާ ބުންޏެވެ. "މިހާރު އަހަރެމެންނަށް އަބަދުވެސް އިހުސާސް ކުރެވެނީ އަމިއްލަ ވަޒަނުގައި ނުރައްކާތެރިކަން." އޭނާ ބުނެފައި ވެއެވެ.
އަދި އެހާދިސާގެ ސަބަބުން ވަރަށް ބޮޑަށް މުޖުތަމައުއަށް އަސަރުކޮށްފައި ވާކަމަށް އެމީހުން ސިފަކުރެއެވެ. "ބައެއް ކުދިންގެ މަންމަ މަރުވި. ލިބުނު ޝޮކުގެ ސަބަބުން އެމީހުން އެއްވެސް ވާހަކައެއް ނުދައްކާ. ހަމަ ބަލަހައްޓައިގެން ތިބީ. ބޮމުގެ އަޑުތައް އިވި، ލިބުނު ގެއްލުންތައް ފެނުނު ބައެއް ކުދިން ތިބީ ނަފްސާނީ ބިރުވެރިކަމެއްގައި." އާހް ޕްޕުންގް ބުންޏެވެ.
މި ހަމަލާ ތަޖުރިބާ ކުރި ވޮއި ޗިޔާއީ ވެސް ސަލާމަތް ހޯދީ ވަޅުގަނޑެއްގެ ތެރޭގައި ފިލައިގެންނެވެ. ހަމަލާއަށް ފަހު ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް އޭނާ އަވަސްވެގަތެވެ. "އެއްޗެއް ވެއްޓުނަސް މިހާރު ހީވަނީ ބޮމެއްހެން. ރޭގަނޑު އަނދިރި ވިޔަސް ބިރުގަނޭ." އޭނާ ބުންޏެވެ.
އުމުރުން 19 އަހަރުގައި ކިޔެވުން އެއްފަރާތްކޮށް ވަޒީފާއަށް ނިކުތް އެޗްޓީޔޫ ރޯ ބުނި ގޮތުގައި މިހާރުވެސް ވަރަށް ގިނަ ޒުވާނުން ދަނީ ސްކޫލަށް ދާންވެސް ދަތިތަކާ ކުރިމަތިވަމުންނެވެ. ބައެއް މީހުންނަކީ "ތައުލީމު ހާސިލްކުރަން ވަރަށް ޝައުގުވެރިވާ ބައެއް ނަމަވެސް އާއިލާތަކުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށް ނުދެވޭތީ ތައުލީމް އުނގެނުމުގެ ހުވަފެންތައް ދޫކޮށްލަން ޖެހޭ." އޭނާ ބުންޏެވެ.
މުންގް ލައި ހްކިއެޓް ހަމަލާގެ ސަބަބުން ދަރިވަރުންގެ ތައުލީމީ ލަނޑުދަނޑިތައް އިތުރަށް ފަހަތަށް ޖެހިދާނެ ކަމުގެ ބިރު އާހް ޕްޕުންގް އަށް އެބައޮތެވެ. "މިހާރު ޒުވާނުންނަށް އިހުސާސް ކުރެވެނީ މުސްތަގުބަލާ މެދު ނުތަނަވަސްކަމާއި މާޔޫސްކަން" އޭނާ ބުންޏެވެ.
ނަފްރަތު އިތުރަށް ގަދަވެއްޖެ
އެ ހަމަލާގެ ސަބަބުން ކުރިމަތިވި ތަކުލީފުތަކުގެ އިތުރުން ސަލާމަތްވި މީހުން، އަސްކަރިއްޔާއާ މެދު އޮތް ނަފްރަތު އިތުރަށް ވަނީ ގަދަވެފައެވެ. "އަހަރެމެން ދިރިތިބިހާ ހިނދަކު މިކަން ހަނދާނުގައި ބަހައްޓަންޖެހޭ. އަންނަން އޮތް ޖީލުތަކަށް މިކަން އެނގެންޖެހޭ. މިކަމުން ދައްކުވައިދެނީ ބަރުމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަމާއި އެމީހުންނާ އެކު ދުވަހަކުވެސް އެކުވެރިވެ، ގުޅެން ބަދަހިކުރަން ނުޖެހޭކަން." އާހް ޕްޕުންގް ބުންޏެވެ.
ވަކިން ހާއްސަކޮށް މިދިޔަ އޮކްޓޫބަރު މަހު އަސްކަރިއްޔާއިން ޖޭޑް މައިނިން ޓައުން ކަމަށްވާ ހަޕާކާންތު ކައިރީގައި ބޭއްވި މިއުޒިކް ކޮންސަޓެއްގައި ބޮން ގޮއްވާލައި އެތައް ބަޔަކު މަރާލުމާ ގުޅިގެން، ބަޣާވާތަށް ފަހު އިތުރުވެފައިވާ އަނިޔާވެރިކަމުގެ އިހުސާސްތަކެއް ވެސް ކަޗިންގެ ގިނަ ބަޔަކަށް މި ހަމަލާއިން ލިބެއެވެ. "އެމީހުން ގަސްދުގައި އަޅުގަނޑުމެންގެ ރައްޔިތުން މަރައި، އަހަރެމެންނަށް ފުރައްސާރަ ކުރަނީ." 2017 ވަނަ އަހަރު ގެދޮރު ގެއްލުނު މަޝްހޫރު ކަޗިން އެކްޓިވިސްޓެއް ކަމަށްވާ ސުޓް ސެންގް ތޮއި ބުންޏެވެ. "އެމީހުން މަސައްކަތް ކުރަނީ ކޮންމެ ތަނެއްގައި ވެސް އަހަރެމެން މަރާލެވިދާނެކަން ދެއްކުމަށް." ކަމަށް ބުނެފައި ވެއެވެ.
މި ހަމަލާއަށް ފަހު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަޗިންސް އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިޔަންމާގެ އެހެން ރައްޔިތުން ވަނީ މި ހާދިސާއާ މެދު ބައިނަލްއަގުވާމީ ހޭލުންތެރިކަން އިތުރުކުރުމަށާއި، އަސްކަރިއްޔާއިން އާންމުންނަށް ބޮން އެޅުމަށް ބޭނުންކުރާ އޭވިއޭޝަން ފިއުލްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ފަދަ ހަރުދަނާ ޖަވާބެއް ދިނުމަށް ވަކާލާތުކޮށްފައެވެ.
2018 ވަނަ އަހަރުން ފެށިގެން ތެލްއަވީވްގައި ދިރިއުޅެމުން އަންނަ ކަޗިން ޒުވާނެއް ކަމަށްވާ ސާރާ ނޫ ބުނީ ހުޅަނގުގެ ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުން މިޔަންމާގެ ޑިމޮކްރަސީ ހަރަކާތާއި ކަޗިން ޖިހާދަށް އިޒްރޭލަށް ދޭ ސަމާލުކަމާއި އެއްބާރުލުން ދެކެން ބޭނުންވާ ކަމަށެވެ.
އިޒްރޭލަކީ މިހާރުވެސް ކުރިއަރާފައިވާ ގައުމެއް ކަމަށާއި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެކަމަށް ވަރަށް ރަނގަޅަށް ތާއީދުކޮށްފައިވާ ކަމަށެވެ. "ކަޗިން ސްޓޭޓާއި ކަޗިން މީހުންނާ ގުޅޭ ގޮތުން މާ ބޮޑު ތާއީދެއް ނެތް. ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ތަފާތެއް އެބަހުރި." އޭނާ ބުންޏެވެ.
އެނބުރި ކޭމްޕަށް ވަޑައިގެން އާހް ޕްޕުންގް ވަނީ މިޔަންމާގެ މައްސަލައަށް ސަމާލުކަން ދިނުމަށް ކަޗިންސް އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެހެން ފަރާތްތަކަށް ގޮވާލާފައެވެ.