މީޑިއާތަކުގެ މައްސަލަތައް ބަލައި މީޑިއާތައް ޖަވާބުދާރީކުރެވެން ޖެހޭނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
އިބްރާހިމް ދީދީ މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަށް ބަހުސް ކުރައްވަމުންނެވެ.
އިބްރާހިމް ދީދީ ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރެވެންޖެހޭނެ ކަމަށާއި މީޑިއާއަށް ވެސް ވަކި އުސޫލެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި މީޑިއާތަކުން ދޮގު ހަބަރުތައް ފަތުރައި މީހުންގެ ހައްގުތަކަށް އަރައިގަންނަމުން ދާނަމަ އެ މައްސަލަތައް ބެލެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް، މަޖިލީހުގެ ރައީސް، މީޑިއާ ނުވަތަ ހުދު އިބްރާހިމްގެ މައްސަލައެއް އޮތް ނަމަ އެކަން ވެސް ބެލެންޖެހޭނެ ކަމަށާއި މީޑިއާ އިސްތިސްނާވެގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރާއްޖެ ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ވެސް މީޑީއާ ޖަވާބުދާރީވާ ކަމަށް ވެސް އިބްރާހިމް ވިދާޅުވެފައިވެއެވެ.
އިބްރާހިމް ދީދީ ވިދާޅުވީ މީޑިއާގެ މިނިވަންކަން ނުވަތަ މީޑިއާގެ ބާރު ނިގުޅައިގަންނަން ނޫޅޭ ކަމަށާއި މީޑިއާއަށް ފުރިހަމައަށް ބާރުދޭން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި މީޑިއާގެ ހައްގުތައް އޮންނަން ޖެހޭނެ ކަމަށާއި މީޑީއާތަކުން ވެސް ރައްޔިތުންނަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތުޅާދޫގެ މެންބަރު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަން ފާހަގަކުރައްވާ އބްރާހިމް ދީދީ ވިދާޅުވީ ބިލުގައި މައްސަލައެއް އޮތްނަމަ ކޮމިޓީ މަރުހަލާގައި އިސްލާހުކޮށް، މީޑިއާގެ މިނިވަންކަމާއި ހައްގުތައް އެ ބިލުގެ ތެރެއިން އިތުރަށް ހިމާޔަތްކޮށް ބާރުވެރިކުރެވޭ ގޮތަށް ބިލު ފާސްވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.