63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއެސީއެލް) އަށް އަދި 71 އައުޓްޑޯ ޖިމް ގާއިމް ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހ. މީރުމާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން ސްޕޯޓްސް މިނިސްޓްރީ އާއެކު އެމްއޭސީއެލް އިން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
2026 ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކޮށް ދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދު ފުއްދުމަށް ސްޕޯޓްސް މިނިސްޓްރީން މިހާތަނަށް ވަނީ 87 އެފްއާރުސީއެއް ގާއިމްކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައެވެ. އޭގެ ތެރެއިން ތިން އެފްއާރުސީއެއްގެ މަސައްކަތް ނިމިފައިވާ އިރު، 28 މަޝްރޫއެއްގެ މަސައްކަތް މިވަގުތު ކުރިއަށް އެބަދެއެވެ. މީގެ އިތުރުން 43 އެފްއާރުސީއެއް ގާއިމްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓް މަރުހަލާ ކުރިއަށްދާ އިރު، އިތުރު 21 އެފްއާރުސީއެއް ގާއިމްކުުރުމަށް މި އަހަރާއި އަންނަ އަހަރު ހަވާލުކުރެވޭނެ ކަމަށް ސްޕޯޓް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ރޭގެ އެ ރަސްމިއްޔާތިގައި ވަނީ ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމުތައް ގާއިމުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީއާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރުއެވެ.
2026ގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫއުއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ގާއިމްކުރުމަށް ސަރުކާރުގެ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަތް އައުޓްޑޯ ޖިމް ގާއިމްކުރުން ކުރިއަށް އެބަދެއެވެ. މި އަހަރާއި އަންނަ އަހަރު އިތުރު 41 އައުޓްޑޯ ޖިމް ގާއިމްކުރުމަށް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެއެވެ.