ހއ. ވަށަފަރުން އެ އަތޮޅު ދިއްދު އަށް ދަތުރުކުރި ލޯންޗެއް ނެރުމައްޗަށް ބަންޑުން ޖަހާލައި ހިނގި ހާދިސާއެއްގައި ތިން މީހަކަށް ސީރިޔަސް އަނިޔާ ލިބިއްޖެއެވެ.

ފުލުހުން ބުނީ، ދިއްދޫގެ ނެރުމައްޗަށް ލޯންޗެއް އުރިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 7:30 ހާއިރު ކަމަށެވެ. މި ހާދިސާ އާ ގުޅިގެން ލޯންޗުގައި އެވަގުތު ތިބި މީހުންނަށް އެކިވަރުގެ އަނިޔާވުމުގެ ސަބަބުން ދިއްދޫގެ ހޮސްޕިޓަލުގައި އެ މީހުނަށް ފަރުވާ ދެމުން ދާ ކަމަށް، ފުލުހުން ބުންޏެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، އެ ލޯންޗުން 10 މީހަކު ދަތުރުކުރި ކަމަށެވެ. އޭނާ ވިދާޅުވީ ލޯންޗުން ދަތުރުކުރި ހުރިހާ މީހުންނަށް ވެސް ފަރުވާ ދެމުންދާ ކަމަށާއި، އޭގެ ތެރެއިން އަދި އެކަކު ހޭނާރާ ކަމަށެވެ.

ލޯންޗު އޮތީ ރަށުގެ ނެރަށް ވަރަށް ބޮޑަށް އަރާފައި ކަމަށާއި، މިހާރު ކުރިއަށް ދަނީ ލޯންޗު ފުންކުރުމުގެ މަސައްކަތް ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި އަނިޔާވި 10 މީހުންގެ ތެރެއިން 3 މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވެއެވެ.