ހއ. ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ކަމަށްވާ ލެއިވް އައިރިކްސަން ބޭނުންކޮށްގެން ދިއްދޫ ބިން ހިއްކަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ރައީސް މުއއިްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސައްކަތް ފެށިތާ 50 ދުވަސްތެރޭ މި މަސައްކަތް ނިންމާފައިވާ އިރު 112 ހެކްޓަރުގެ ބިމެއް ވަނީ ހިއްކާފައި ކަމަށެވެ.

އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރު ބޭނުން ކޮށްގެން 50 ދުވަސް ތެރޭ ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލާފައި ވާ އިރު، އެ ޑްރެގަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ އެމްއޭސީއެލް އާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. 112 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒު ކަމުގައިވާ 100 ހެކްޓަރަށް ވުރެ ވެސް ބޮޑު ސަރަހައްދެކެވެ.

އެހެންކަމުން މި މަޝްރޫއު ނިމުމުން ދިއްދޫގެ ބިމުގެ ޖާގަ ދެ ގުނަ ބޮޑު ވެގެން ދާނެއެވެ. އަދި ހިއްކާ ބިމުގައި އެއާޕޯޓަށް ބޭނުންވާ އިތުރު ހިދުމަތްތަކާއި އާ ވިޔަފާރިތައް ގާއިމުކުރުމާއެކު ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެއެވެ.