އދ. ދިއްދޫ ކައުންސިލުން، އޮޑިޓް އޮފީހަށް ހުށަހެޅީ ފޯޖު ކޮށްފައިވާ ބޭންކު ސްޓޭޓްމަންޓެއް ކަމަށް އެ ކައުންސިލުގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ އދ. ދިއްދޫ ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓްގެ މަގާމުގައި ހުރި މުވައްޒަފު، ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ފޯޖުކޮށް, ބަދަލުކޮށް އޮޑިޓަރުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައި ވާކަމަށެވެ. އަދި އެ ކައުންސިލްގެ ތިޖޫރީގައި އޮގަސްޓް 3، 2022 ވަނަ ދުވަހުގައި ހުރި ފައިސާގެ ތެރެއިން 5،500 ރުފިޔާ އައިޓީ އެންޑް ފައިނޭންޝަލް ކޮންލަސްޓަންޓާ ހަވާލުކޮށްފައި ވީނަމަވެސް އެ ފައިސާ ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ބޭންކް ސްޓޭޓްމަންޓުން ހާމަވާ ކަމުގައެވެ. އަދި މި މައްސަލާގައި އޭނާއާ ސުވާލުކުރުމުން މިދިޔަ އަހަރުގެ ޖުލައި 17 ގައި އަމިއްލަ ފަރާތަކުން ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކުރި 25،000 ރުފިޔާ ގެ ތެރޭގައި، އެ 5،500 ރުފިޔާ ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި ދެން ޖަމާކުރި ފައިސާއަކީ ކައުންސިލަށް ކުލީގެ ގޮތުގައި ލިބުނު 19،500 ރުފިޔާ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް އޮޑިޓަރުން އިތުރަށް ބެލިބެލުމުން މި 25،000 ރުފިޔާ އަކީ ކައުންސިލް އިދާރާއަށް ލިބިފައިވާ އެހީއެއް ކަމުގައި ވަނީ ފާހަގަ ކުރެވިފައެވެ.

މި މައްސަލަ އިތުރަށް ބެލުމަށް އޭނާއާ އަނެއްކާވެސް ސުވާލުކުރުމުން އެ 5،500 ރުފިޔާ އަކީ އޭނާގެ އަމިއްލަ އެކައުންޓަށް އޮޅުމަކުން ޖަމާކުރެވުނު ފައިސާކަމަށް ބުނެފައި ވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އޭނާ އޮޑިޓް އޮފީހަށް އަނެއްކާވެސް ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅާފައި ވެއެވެ. އަދި އެންމެ ފުރަތަމަ ކައުންސިލުން ހުށަހެޅި ސްޓޭޓްމަންޓުގައި ނެތް އިތުރު 25،000 ރުފިޔާ. މިދިޔަ އަހަރުގެ ޖުލައި 19 ގައި ޖަމާވެފައި ހުރި ކަމަށް ސްޓޭޓްމަންޓުން ދައްކާކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ. މިގޮތަށް ފާހަގަ ކުރެވުމުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނޮވެމްބަރު 27، 2023 ގައި އޮޑިޓް އޮފީހުނުް ހޯދި އެއިދާރާގެ ބޭންކް ސްޓޭޓްމަންޓުގައި މި ފައިސާ ހިމެނިފައި ނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މީގެ އިތުރުން ދިއްދޫ ކައުންސިލްގެ އިދާރާއިން 2022 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އިދާރާގައި ހިނގި ކަންތައްތަކުގެ ރިޕޯޓު ހިމަނައިގެން އަހަރީ ރިޕޯޓެއް ތައްޔާރުކޮށ،ް އޮޑިޓް ކުރުމަށްޓަކައި އޮޑިޓާ ޖެނެރަލްއަށް ހުށަހަޅާފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ. މި ރިޕޯޓު ހުށަހަޅާފައި ނުވުމުގެ ސަބަބުން ޑިސެންބަރު 31، 2022 އަށް ނިމުނު މާލީ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ކުރެވިފައި ނުވާކަމަށް ވަނީ ބުނެފައެވެ. ދިއްދޫ ކައުންސިލްގެ އިދާރާއިން 2022 ވަނަ އަހަރު މުދަލާއި ހިދުމަތް ހޯދުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަން ވަނި ފާހަގަކޮށްފައެވެ. މީގެ އިތުރުން އެ ރިޕޯޓުގައި ވަނީ ދިއްދޫ ކައުންސިލްގެ އިދާރާގައި 2022 ވަނަ އަހަރު ބިޑްކޮމެޓީއެއް އުފައްދާފައި ނުވާކަމާއި ބީލަންތައް އިވެލުއޭޓް ނުކޮށް މަސައްކަތް ހަވާލުކޮށްފައިވާ ކަމާއި ބީލަމުގެ ޝަރުތުހަމަނުވާ ފަރާތަކާއި މަސައްކަތް ހަވާލުކޮށްފައި ވާކަން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އެ އިދާރާއަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ހަވާލުކުރެވުނު ފަރާތަށް ގަވާއިދާ ހިލާފަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކޮށްފައި ވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ތަކެތި ފޯރުކޮށް ދިނުމަށް އެއްބަސްވެފައިވާ އަގުކަމަށްވާ 130,539 ރުފިޔާގެ މުއާމަލާތައް އެޑްވާންސް ފައިސާގެ ގޮތުގައި ޖުމުލަ 75،000 ރުފިޔާ ދޫކޮށްފައިވާއިރު، މީގެތެރެއިން ގަވައިދުގައި ބަޔާންކުރާ 15 ޕަސެންޓުގެ އިތުރުން 55،419 ރުފިޔާ ނުވަތަ މަސައްކަތު އަގުގެ 42 ޕަސެންޓު ދޫކޮށްފައިވަނީ މިނިސްޓްރީގެ ހުއްދަ ނުހޯދާ ކަމަށްވަނީ ބުނެފައެވެ.