ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު އދ. ދިއްދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

އޭޓީއެމް ހިދުމަތް ތައާރަފް ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިއްދޫގެ އިތުރުން މި ހަފްތާތެރޭގައި ބީއެމްއެލް އިން ފެންފުށި، ކުނބުރުދޫ އަދި މަންދޫގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި އދ. އަތޮޅަށް ބީއެމްއެލް އޭޓީއެމް ވިއުގަ ފުޅާކުރާނެއެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، މި އަތޮޅުގައި ބީއެމްއެލް އިން ކުރާ އިންވެސްޓްމަންޓަކީ ބޭންކަށް ވެސް އަދި މި އަތޮޅުގެ މުޖުތަމައުތަކަށް ވެސް ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލު ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ. އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ހުރިހާ ރައްޔިތުންނަށް ބޭންކުގެ ހިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ފޯރުކޮށް ދިނުން ކަމަށާއި ބީއެމްއެލް އިން ގާއިމުކުރާ އޭޓީއެމްތަކަކީ މި އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަސް ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 189 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 247 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.