އދ. ދިއްދޫ ކައުންސިލުން، އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދިނުމާއެކު ފޭކް ސްޓޭޓްމަންޓެއް ހުށަހަޅާފައިވަނީ ކައުންސިލުގެ އެސްޖީ އާއި އޭނާގެ ފިރިމީހާކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ.

އިއްޔެ ދިއްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ތިބި ކައުންސިލަރުން މަގާމާ ހަވާލުވިއިރު، ކައުންސިލުގައި މާލީ ހިސާބު ކިތާބު ބެލެހެއްޓުމުގެ އެއްވެސް ހަރުދަނާ ނިޒާމެއް ނެތް ކަމަށެވެ. އަދި އެ މަސައްކަތް ފެށިގެން ދިޔައީ އެންމެ އެޑްމިން ސްޓާފަކާ އެކުގައިކަން ފާހަގަކޮށް މި ބަޔާނުގައި ބުނީ ގާނޫނީ ގޮތުން ކައުންސިލް ހިންގޭނެ ހަމައެކަނި ގޮތަކީ އެ އިދާރާގެ މަސައްކަތް ކުރާނެ ސެކްރެޓަރީ ޖެނެރަލްއެއް ނެގުންކަމަށްވެ. އެހެންކަމުން އެ މަގާމަށް އެތައް ފަހަރެއްގެ މަތިން އިއުލާންކޮށްގެންވެސް މީހަކު ކުރިމަތިލާފައި ނުވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި މަގާމަށް ޝަރުތު ހަމަވާ އެކިއެކި ފަރުދުންނާ ވާހަކަ ދައްކައިގެން ކައުންސިލުން ކުރި މަސައްކަތުން އެރަށުން ބޭރު މީހަކު ދިއްދޫގައި ހުރުމުގެ ހަރަދު ހަމަޖައްސައިދޭ ގޮތަށް މި މަގާމަށް ކުރިމަތިލުމަށް އެއްބަސްވީކަމަށް ބަޔާނުގައި ބުނެފައެވެ. އެގޮތުން ފެބްރުއަރީ 14، 2022 ވަނަ ދުވަހުން ފެށިގެން ކައުންސިލްގެ އެސްޖީގެ މަގާމަށް މީހަކު އައްޔަންކޮށް ކަމާގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު މަހަކު 4،500 ރުފިޔާ ދޭ ގޮތަށް ގެއެއް ކުއްޔަށް ހިފައި ބެހެއްޓިކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ އެ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކައުންސިލް ހަރުދަނާކޮށް އިތުރު މުވައްޒަފުން ނަގައި މާލީ ހިސާބު ކިތާބުތަކާއި ދައުލަތުގެ މުދަލާ، ފައިސާ ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި އައިޓީ އަދި ފައިނޭންސް ކޮންސަލްޓަންޓެއް ނެގުމަށް ތިން ފަހަރުމަތިން އިއުލާންކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެ މަގާމަށް އެއްވެސް މީހަކު ކުރިމަތިލާފައި ނުވާކަން ފާހަގަކޮށް ކައުންސިލުން ބުނީ ފަހުން އެ މަގާމަށް އައްޔަންކޮށްފައިވަނީ އެސްޖީގެ ފިރިމީހާކަމަށެވެ. އަދި އައިޓީ އަދި ފައިނޭންސް ކޮންސަލްޓަންޓް، މި ދެމަގާމު އެސްޖީގެ ފިރިމީހާ އައްޔަން ކޮށްފައި ވަނީ އޭސީސީގެ ލަފަޔާ އިރުޝާދުގެ ދަށުންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ދިއްދޫ ކައުންސިލުގެ އޮޑިޓް ރިޕޯޓުގައި ބުުނެފައިވާ ގޮތުން އޭސީސީން ހުއްދަދީފައި ވަނީ އައިޓީގެ މަސައްކަތް ކުރުމަށްކަމަށާއި އޭނާ ފައިނޭންސް މަސައްކަތް ކުރަމުން ދިޔައީ ގާނޫނާއި ހިލާފަށްކަމަށެވެ. އޮޑިޓުން މިކަމާއި ގުޅިގެން ސުވާލުކުރުމުން އެސްޖީ ވިދާޅުވެފައިވަނީ އޭނާގެ ފިރިމީހާ ފައިނޭންސް މަސައްކަތް ކުރަމުން ދިޔައީ އޭސީސީން ދީފައިވާ ހުއްދައިގެ ދަށުން ކަމަށެވެ. އަދި ވަޒީފާގެ އެއްބަސްވުން ހަދާފައިވީ ނަމަވެސް އެ އެއްބަސްވުމުގައި އޭނާ ލައްވައި ސޮއި ނުކުރުވާ ކަމަށް އެސްޖީ ވަނީ ވިދާޅުވެފައެވެ.

ކައުންސިލުގެ ބަޔާނުގައި ބުނީ ކަރަންޓުބިލް ދެއްކުމަށް އެސްޖީގެ ފިރިމީހާގެ އެކައުންޓަށް 96،000 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 38،535.94 ރުފިޔާ 'ސްޓެލްކޯ އީޕޭ' މެދުވެރިކޮށް ދައްކާފައިވާއިރު ބާކީ ފައިސާ ކައުންސިލަށް ޖަމާކޮށްފައި ނުވާކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި ކައުންސިލް ފައިސާއިން ގަތް އެއްވެސް އެއްޗެއްގެ ބިލެއް ނުވަތަ ބާކީ ފައިސާ ކައުންސިލަށް ލިބިފައިނުވާއިރު މި ހަރަދުތަކުގެ ތަފްސީލު ދިނުމަށް ތަކުރާރުކޮށް އެފަރާތުން އިންކާރު ކުރަމުން ދާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ އޮޑިޓް ރިޕޯޓް އޭރު އާންމުކޮށްފައިނުވާތީ މައްސަލަ ބެލިފައިނުވާކަމަށެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު އާންމުކުރި އޮޑީޓް ރިޕޯޓާއި ގުޅިގެން މި މައްސަލަ އޭސީސީ އާއި ފުލުހަށްވެސް ހުށަަހަޅާފައި ވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ، އެ އިދާރާ ބަދުނާމުވާ ގޮތަށް، ކައުންސިލުން ފޭކު ސްޓޭޓްމަންޓެއް އޮޑިޓަށް ދީފިކަމަށް ބުނެ ހަބަރުފަތުރަމުންދާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި މިއީ އެއްވެސް ހާލަތެއްގައި ކައުންސިލުގެ އިހުމާލުން ނުވަތަ ކައުންސިލުން ކުރި ކަމެއް ނޫން ކަމަށާއި އެސްޖީއަކަށް އައްޔަން ކުރެވުނު ބޭފުޅާއާއި އޭނާގެ ފިރިކަލުން ކުރި ކަމެއްކަމަށް މި ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އިތުރަށް އެ ކައުންސިލުން ބުނީ ކައުންސިލަށް އޮޅުވާލައިގެން ދޮގު މައުލޫމާތު ދީގެން ކައުންސިލްގެ މަގާމުތަކަށް އައްޔަން ކުރުމުން މަގާމުގެ ނާޖާއިޒު ފައިދާ އެފަރާތުން ނަގާފައިވާ ކަމަށެވެ.