މިދިޔަ އޮކްޓޫބަރު މަހު ބޭ އޮފް ބެންގާލްގެ ފަޅު ބޯޓެއްގައި ކުރި ހިތާމަވެރި ދަތުރުގެ ބިރުވެރި ހަނދާންތައް މުހައްމަދު ޖަލީލްގެ އަދިވެސް އެބަހުއްޓެވެ.
ބަންގްލަދޭޝްގެ ކުޓޫޕަލޮންގް ކޭމްޕަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ރޮހިންޔާ ރެފިއުޖީއެއް ކަމަށްވާ ޖަލީލް ވަނީ މެލޭޝިއާއަށް އޭނާ ގެންގޮސްދޭނެ ކަމަށް ވައުދުވި އެޖެންޓަކަށް ގާތްގަނޑަކަށް 1،500 ޑޮލަރު ދީފައެވެ.
އޭގެ މަހެއްހާ ދުވަސް ފަހުން އޭނާ ހުރީ މީހުންތަކުން ފުރިފައި އޮތް މަސް ބޯޓެއްގައެވެ. އެ ބޯޓުގައި ހަފްތާއަކަށް ވުރެ ގިނަ ދުވަސް އޭނާ އަށް ހޭދަކުރަން ޖެހުނެވެ.
"އަހަރެމެން ކާނެ އެއްޗެއް ވެސް ނެތް. ކުޑަކުދިންވެސް ބަނޑުހައިވެގެން ރޮނީ. ބޯޓުގެ ފަޅުވެރިން އަހަރެމެންނާ ދޭތެރޭ ކަންތައް ކުރީ ވަރަށް އިހާނެތިކޮށް. ނުވަ ވަނަ ނޫނީ 10 ވަނަ ދުވަހު ބޯޓު އަޑިއަށް ދިޔައީ." ޖަލީލް ކިޔާދިނެވެ.
މީހުން ސަލާމަތް ކުރުމަށް ބަންގްލަދޭޝްގެ ކޯސްޓްގާޑު އަންނަންދެން އެތައް ގަޑިއިރެއް ވަންދެން އެމީހުންނަށް ޖެހުނީ ފަތަފަތާ ތިބޭށެވެ. ބައެއް އަންހެނުންނާއި ކުޑަކުދިންނަށް އެކަން ނުކުރެވި ގެނބިގެން މަރުވި ކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ ހުރިހާ ފައިސާއެއް ގެއްލުނީ. އަހަރެންގެ ހުރިހާ އެއްޗެއް ގެއްލުނީ."
އދ އިން ބުނާ ގޮތުގައި 2022 ވަނަ އަހަރު މިޔަންމާ އާއި ބަންގްލަދޭޝްއިން އަންޑަމަން ކަނޑު އަދި ބޭ އޮފް ބެންގާލް ހުރަސްކޮށް ދަތުރުތައް ކުރަމުން ދަނިކޮށް ގާތްގަނޑަކަށް 400 އެއްހާ ރެފިއުޖީން މަރުވި ހާދިސާ އަކީ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް އަހަރެވެ.
ޖަލީލް އަށް ތަޖުރިބާ ކުރަން ޖެހުނު ބިރުވެރި ދަތުރާއި ބަންގްލަދޭޝް ދޫކޮށް ދިއުމުން ދައްކުވައި ދެނީ ގާތްގަނޑަކަށް މިލިއަނެއްހާ ރޮހިންޔާ ދަރިކޮޅުގެ މީހުން ހާލުގައި އުޅޭ ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުން މިޔަންމާއިން ހިޖުރަކުރީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެގައުމުގެ އަސްކަރިއްޔާއިން މުސްލިމުންގެ މައިނޯރިޓީއާ ދެކޮޅަށް "ޖަރީމާހިންގުމުގެ މަގްސަދުގައި" ހިންގި ކެމްޕެއިނަކާ ގުޅުގެން ކަމެވެ.
މިޔަންމާ ގެ އަސްކަރިއްޔާއިން އެދުވަހު ރޮހިންޔާ ފިރިހެނުން މަރާ، އަންހެނުން ރޭޕްކޮށް، އެމީހުންގެ އަވަށްތައް އަންދަން ފެށުމުން، އޭގެ ތެރެއިން 750،000 އަށް ވުރެ ގިނަ މީހުން ފިލައިގެން އަވަށްޓެރި ބަންގްލަދޭޝް އަށް ގޮސް، ދެކުނު ކޮކްސް ބާޒާރު ސަރަހައްދުން ވަނީ ހިމާޔަތް ހޯދާފައެވެ.
އޭގެ ފަހުން ރެފިއުޖީން އޮގަސްޓް މަހުގެ 25 ވަނަ ދުވަސް "ޖެނޮސައިޑް ޑޭ" ގެ ގޮތުގައި ފާހަގަ ކުރަނީ އިންސާފު ހޯދުމުގެ މަގުސަދުގައެވެ.
މެލޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކަށް ކުރާ ކަނޑުގެ ނުރައްކާ ބޮޑު ދަތުރުތަކަކީ ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ރެފިއުޖީންނަކީ ނުރައްކާތެރި ދިރިއުޅުމެއް އުޅެމުން އަންނަ ބައެއްކަން އަންގައިދޭ ހެއްކެކެވެ.
"ކަސްތޮޅު އެޅިފައިވާ ދޫންޏެއް"
ޖަލީލް ވެސް ހީކުރީ 2017 ވަނަ އަހަރު ބަންގްލަދޭޝް އަށް ދިޔުމުން ބަންގްލަދޭޝްގައި އާ ހަޔާތެއް ފަށައިގަނެވިދާނެ ކަމަށެވެ. ނަމަވެސް ފާއިތުވި ހަ އަހަރު އޭނާ ހޭދަކުރީ ރެފިއުޖީ ކޭމްޕުތަކުގެ ތެރޭގައެވެ. ކުރާނެ މަސައްކަތެއް ހޯދުމުގައިވެސް ކާމިޔާބު ވާ ގޮތެއް ނުވެއެވެ.
"އަހަންނަށް އިހުސާސް ކުރެވެނީ ކަސްތޮޅު އެޅިފައިވާ ދޫންޏެއްހެން. އަހަންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެލޭޝިއާއަށް ދެވުނު މީހުން ވަޒީފާ އަދާކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދާ. އެހެންވެ އަހަރެން ރައްކާކޮށްފައި ހުރި ހުރިހާ ފައިސާއެއް އެކަމަށް ހޭދަ ކުރީ. އެކަމަކު ހުރިހާ އެއްޗެއް ގެއްލި އަނެއްކާ އަހަރެން މިހުރީ ފަށާނެ ކޮޅެއް ނޭނގިފައި." އޭނާ ބުންޏެވެ.
ނޫސްވެރިޔާ ކާމިލް އަހްމަދު އޭނާގެ ފޮތް ކަމަށްވާ "އައި ފީލް ނޯ ޕީސް" އަށް އެފަދަ އެތައް ސަތޭކަ ރެފިއުޖީންގެ އިންޓަވިއު ހިމަނާފައި ވާއިރު އެނގުނީ ރައްކާތެރިކަމާއެކު މިޔަންމާއަށް އެނބުރި ދިޔުމުގެ އުއްމީދު ރޮހިންޔާ ދަރިކޮޅަށް ގާތްގަނޑަކަށް ގެއްލިފައިވާ ކަމެވެ.
"ރެފިއުޖީ ކޭމްޕްތަކުގައި ރަނގަޅު ދިރިއުޅުމެއް ނޫޅެވޭނެ ކަމަށް އެ މީހުންވެސް ގަބޫލުކުރޭ. އެމީހުން ދިރިއުޅެމުން އަންނަނީ ވަރަށް ނިކަމެތިކޮށް" ފޮތުގައި ވެއެވެ.
2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަންގްލަދޭޝް އިން ވަނީ ރޮހިންޔާ ކުދިންނަށް ގްރޭޑް 10 އާ ހަމައަށް މިޔަންމާގެ ކަރިކިއުލަމް ކިޔަވައިދެމުން ދިޔަ ރެފިއުޖީން ހިންގާ ހުރިހާ ސްކޫލްތައް ބަންދުކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ސްކޫލް ހިންގާ ނޫރު ކަބީރު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދަރިވަރުން މިހާރު ދުވަސްތައް ހޭދަކުރަމުން ދަނީ އެއްވެސް ކަމެއް ނުކޮށް ކަމަށެވެ.
"އެކުދިން ބޮޑުވެގެން ވާނީ ކޮން ބަޔަކަށް؟ ކީއްވެ އަހަރެމެންގެ ދަރިންނަށް މިއަށްވުރެ ރަނގަޅު ގޮތެއް ހައްގު ނުވަނީ؟" އުމުރުން 28 އަހަރުގެ ޓީޗަރު ސުވާލު އުފެއްދިއެވެ.
ރޮހިންޔާ ކޮމިއުނިޓީގެ ލީޑަރެއް ކަމަށްވާ އަބްދުއްރަހީމް ބުނީ ކޭމްޕްތަކުގައި އެމީހުން އުޅެމުން ދަނީ ޝަރަފުވެރި ދިރިއުޅުމެއް ނޫން ކަމަށެވެ. "އަހަރެމެން އަދިވެސް އެދެނީ އަމިއްލަ ވަޒަނަށް، އެކަމަކު އެތަނުގެ ހާލަތަކީ އެނބުރި ދިޔުމަށް އެކަށީގެންވާ ހާލަތެއް ނޫން ކަމުގެ ބިރު އޮތުން."
ޔޫއެންޑީޕީން 2019 ވަނަ އަހަރު ކުރި ސާވޭއަކުން ދައްކާ ގޮތުގައި ކޮކްސް ބާޒާރުގެ ތިންބައިކުޅަ ދެބައި މީހުން ގަބޫލުކުރާ ގޮތުގައި އެމީހުން ހާލުގައި އުޅެން ޖެހުމުގެ މައިގަނޑު ސަބަބަކީ ރޮހިންޔާ ދަރިކޮޅުގެ މީހުން އެތެރެވުމެވެ.
ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ތިބި ރޮހިންޔާ ރެފިއުޖީން ގާތްގަނޑަކަށް މުޅިން ބަރޯސާވަނީ ކާބޯތަކެތީގެ އެހީއަށެވެ. މިއަހަރުގެ މާޗް މަހުން ފެށިގެން ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމުން މިލިއަނެއްހާ ރެފިއުޖީންނަށް ދޭ އެހީ ތިންބައިކުޅަ އެއްބައި ކުޑަކޮށް މަހަކު އެންމެ 8 ޑޮލަރަށް ކުޑަކުރީ ފައިސާ މަދުވުމުގެ ސަބަބުން ކަމަށް ބުނެއެވެ.
މީގެ ސަބަބުން ބައި މިލިއަނަށް ވުރެ ގިނަ ކުދިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ނުރައްކާވެފައިވާ ކަމަށް ސޭވް ދަ ޗިލްޑްރަން ޗެރިޓީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ބަންގްލަދޭޝް ސަރުކާރުން ބުނަނީ ރެފިއުޖީން ބެލެހެއްޓުމަކީ އެގައުމުގެ އިގްތިސާދަށް ބުރޫ އަރާ ކަމެއް ކަމަށެވެ. މިދިޔަ އަހަރު ބޮޑުވަޒީރު ޝައިހް ހަސީނާ ވިދާޅުވީ މި ކޭމްޕްތައް ހިންގުމަށް އަހަރަކު 1.2 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހަރަދެއް ހިނގާ ކަމަށާއި އދ އިން ދޭން ވައުދުވި 881 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން ލިބިފައިވަނީ އެންމެ 48 ޕަސެންޓުގެ އެހީކަމަށެވެ.
ބަންގްލަދޭޝްގައި ހުންނަ ޔޫއެންއެޗްސީއާރުގެ ތަރުޖަމާނު ރެޖީނާ ޑި ލާ ޕޯޓިލާ ބުނީ ފައިސާ މަދުވުމުގެ ސަބަބުން މިހާރުވެސް މަދު ހިދުމަތްތަކަކާއެކު ދިރިއުޅެމުން އަންނަ މީހުންނަށް ސީދާ އަސަރު ކުރާނެ ކަމަށެވެ.
"ބަންގްލަދޭޝް ސަރަހައްދުގައި ދާއިމީ ވެފައި"
ހިއުމަން ރައިޓްސް ވޮޗުން މި ހަފުތާގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ބުނީ އދ ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު ނޭޅުމާއި ސަރުކާރުގެ އެހީ ކަނޑާލުމުގެ ސަބަބުން ރޮހިންޔާ ދަރިކޮޅުގެ މީހުން އިތުރަށް ހާލުގައި ޖެހިފައިވާ ކަމަށެވެ.
ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ރިސާޗަރު ޝައިނާ ބައުޗަނާ ބުނީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން އެނބުރި ގައުމަށް ގެންދިއުމަށް ޓަކައި ޝަރުތުތަކެއް ގާއިމުކުރުމަށް މިޔަންމާގައި ހައްގުތަކަށް އިހުތިރާމްކުރާ މަދަނީ ވެރިކަމެއް ގާއިމުކޮށް، ކުރީގެ ޖަރީމާތަކަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޑާކާ ޔުނިވާސިޓީގެ އީސްޓް އޭޝިއާ ސްޓަޑީ ސެންޓަރުގެ ޑިރެކްޓަރު ޑރ ޑެލްވާރް ހުސައިން ބުނީ ރޮހިންޔާ ރެފިއުޖީންނަށް ދުނިޔޭގެ ސަމާލުކަން މިހާރު ވެސް ބަދަލުވެފައިވާ ކަމަށާއި އެ މީހުންނަކީ ބަންގްލަދޭޝްގެ ސަރަހައްދުގައި ދާއިމީވެފައިވާ ބައެއް ކަމަށް ބެލެވޭ ކަމަށެވެ.
ހުސައިން ބުނީ 2017 ވަނަ އަހަރު ރޮހިންޔާ ދަރިކޮޅުގެ ގިނަ މީހުން ހިޖުރަކުރުމުގެ ކުރިން ދިރިއުޅެމުން ދިޔަ މިޔަންމާގެ ރަކީން ސަރަހައްދުގައި ހަމަނުޖެހުންތައް އުފެދެން ފެށުމުން ދެކުނު އިރުމަތީ އޭޝިއާގައި ނުރައްކާތެރި ފިތުނައެއް އުފެދި، އެ ސަރަހައްދުގެ އެންމެ މުހިންމު ދެ ދީން ކަމަށްވާ ބުދުދީނާއި އިސްލާމް ދީން ބައިބައިވުމުގެ ބިރު އޮތް ކަމަށެވެ.
އެތައް ސަތޭކަ އަހަރެއް ވަންދެން އެ ސަރަޙައްދުގައި ސުލްހަވެރިކަމާއެކު ދިރިއުޅެމުން ދިޔަ ދީންތަކަށް މިހާ ބޮޑު ނުތަނަވަސްކަމެއް މީގެ ކުރިން އައިސްފައެއް ނުވެއެވެ. އެކަން ދެމިއޮންނަ ނަމަ މުޅި ސަރަހައްދުގެ އިޖުތިމާއީ ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.