ސީލައިފް ގްލޯބަލްއިން އެއްބަސްވުމާ ހިލާފަށް އެތައް ބައެއްގެ އަތުން ބުކިން ފީގެ އިތުރުން ޑައުންޕޭމަންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ނަގާފައިވާ މައްސަަލައިގައި ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ، ވެލާނާ ބިލްޑިން ކައިރީ ޝުއޫރު ފާޅުކޮށް ބަޔަކު އިހުތިޖާޖު ކޮށްފިއެވެ.
މި އިހްތިޖާޖުގައި ގިނަ އަންހެނުން ބައިވެރިވެފައިވާ އިރު، އިހްތިޖާޖުގެ ބައިވެރިން އެ ސަރަހައްދަށް އެއްވެ ތިބީ އެމީހުންގެ ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ބޯޑުތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ. އޭގައި ހުރި ލިޔުންތަކުގައި ސަރުކާރުން ވީ ވައުދު ފުއްދުމަށާއި، ސިވިލް ކޯޓުގެ އަމުރަށް އަމަލު ކުރުމަށް އެދިފައި ވެއެވެ. އަދި ފްލެޓް ނުލިބޭކަން ހާމަކޯށް އިހްތިޖާޖުގެ ބައިވެރިން ވަނީ އަޑު އުފުލާ ޝުއޫރު ފާޅު ކޮށްފައެވެ.
އެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިހްތިޖާޖު ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވެފައިވާ އިރު، އެ ސަރަހައްދުން ބައިވެރިން ފަހަތަށް ޖައްސާ އެ ތަނުން އެމީހުން ފޮނުވާލަން ފުލުހުން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް އިހްތިޖާޖުގެ ބައިވެރިން ދިޔައީ ސަރުކާރާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އަޑުގަދަ ކުރަމުންނެވެ.
"ޖަސްޓިސް ފޯ ސީލައިފް ވިކްޓިމްސް" ގްރޫޕުން ބުނާ ގޮތުގައި ސީލައިފް ހިޔާނާތުގެ މައްސަލައިގައި އިންސާފު ނުލިބޭ 200 މީޙުންނަށް މި ސަރުކާރުން ވީ ވައުދު 5 އަހަރުތެރޭ ފުރިހަމަ ކޮށް ދިނުމަށް އެއްވެސް ކަމެއް ކޮށް ދީފައި ނުވާ ކަމަށެވެ. އެކި ފަހަރު މަތިން ބައްދަލުވާން އެދިފައި ވީ ނަމަވެސް އަދިވެސް ރައީސް އިބްރާހިމް ސޯލިހާ ވެސް އެމީހުންނަށް ވބައްދަލު ކުރެވޭ ގޮތް ހަމަޖެހިފައި ނުވާ ކަމަށް ބުނެއެވެ. އެ މީހުން ރައިސް އާ ބައްދަލު ކުރަން އެދުނުތާ މިހާރު ދެއަހަރު ފާއިތުވެއްޖެ ކަމަށް އެ ފަރާތުން ބުނެއެވެ.
3000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑިސީ އާއި ސީލައިފް ގްލޯބަލް އިން ސޮއިކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. ސީލައިފް ގްލޯބަލްއިން ވަނީ އެއްބަސްވުމާ ހިލާފަށް އެތައް ބައެއްގެ އަތުން ބުކިންގ ފީގެ އިތުރުން ޑައުންޕޭމަންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ނަގާފައެވެ.
މި ަކމާ ގުޅިގެން އެޗްޑީސީން މީގެ ކުރިން ބުނެފައި ވަނީ، ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކަށް އަނބުރާ އެ ފައިސާ ހަވާލު ކޮށްފައި ނުވާތީ އެ ބަދަލު ހޯދުމަށް އެ ކޯޕަރޭޝަންއަށް 395 މީހުން އައިސްފައިވާ ކަމަށެވެ. އެމީހުންނަށް ފައިސާ އަނބުރާ ހޯދުމަށް އެދި ސީލައިފްގެ މައްޗަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންނާއި، ހިއްސާދާރުންގެ މައްޗަށް ެޗްޑީސީން ވަނީ ދައުވާ ވެސް ކޮށްފައެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ފިލައިގެން އުޅެނިކޮށް ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލާފައެވެ.