ފްލެޓު އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފިލި މައްސަލައިގައި ހިޔާނާތުގެ ދައުވާ ލިބޭ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދު (އަންމަޓީ) ޕާސްޕޯޓު ދޫކޮށްލި މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ދައުލަތުން ނިންމައިފިއެވެ.

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކްރިމިނަލް ކޯޓުން އަންމަޓީއަށް ހުއްދަދީ އޭނާގެ ޕާސްޕޯޓް ދޫކުރުމާ ގުޅިގެން ދައުލަތުން އެ އަމުރު ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅި މައްސަލާގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށްފައެވެ.

އަންމަޓީގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމަށް ފަހު 20 ދުވަހުގެ މުއްދަތަކަށް ދޫކޮށްލީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ސްރީލަންކާ އަށް ދިއުމަށްޓަކައި ޕާސްޕޯޓު ދޫކޮށްދޭން އޭނާ އެދުމުން، މި މަހުގެ 6 ވަނަ ދުވަހުގެ ހަވީރު 5 އިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 11 ގެ ނިޔަލަށެވެ.

މިއަދު ޕީޖީއިން ބުނީ އެ މައްސަލާގައި ހައިކޯޓުގެ ނިންމެވުމާމެދު ހިތްހަމަ ނުޖެހޭތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށާއި އިސްތިއުނާފުކުރުމަށް މިއަދުގެ ވަގުތެއްގައި ހުށަހެޅާނެ ކަމަށެވެ.

ޕީޖީއިން ބުނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ނިންމާފައިވަނިކޮށް އައްމަޓީގެ ޕާސްޕޯޓް އަމުރު މުރާޖައާކުރުމުގެ އަޑުއެހުމެއް މިއަދު 1 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އައްމަޓީގެ ޕާސްޕޯޓާ ގުޅޭ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަވަންދެން އައްމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދެވުމަށް ޕީޖީއިން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.

ހިޔާނާތުގެ 42 ދައުވާ އެއް އަންމަޓީގެ މައްޗަށް އުފުލާފައި ވަނީ، އާބަންކޯ (ކުރީގެ އެޗްޑީސީ) އާއި ސީލައިފާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3 ހާސް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ފައިސާ ނަގައި، ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައެވެ.

މި މައްސަލައިގައި އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ޝަރުތުތަކާ އެކު ދޫކޮށްލީ މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގައެވެ. އެކަމަކު މައްސަލައިގެ ޝަރީއަތް އަދިވެސް ކުރިއަށް އެބަ ދެއެވެ.