ފްލެޓު އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފިލި މައްސަލައިގައި ހިޔާނާތުގެ ދައުވާ ލިބޭ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދު (އަންމަޓީ) ޕާސްޕޯޓް ދޫކޮށްލަން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކްރިމިނަލް ކޯޓުން އަންމަޓީއަށް ހުއްދަދީ އޭނާގެ ޕާސްޕޯޓް ދޫކުރުމާ ގުޅިގެން ދައުލަތުން އެ އަމުރު ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅި މައްސަލާގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދު ކޮށްފައެވެ.

އަންމަޓީގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމަށް ފަހު 20 ދުވަހުގެ މުއްދަތަކަށް ދޫކޮށްލީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ސްރީލަންކާ އަށް ދިއުމަށްޓަކައި ޕާސްޕޯޓު ދޫކޮށްދޭން އޭނާ އެދުމުން، މި ދިޔަ މަހުގެ 6 ވަނަ ދުވަހުގެ ހަވީރު 5 އިން ފެށިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 11 ގެ ނިޔަލަށެވެ.

އެ އަމުރަށް ހައިކޯޓުންވެސް ތާއީދުކުރުމާ ގުޅިގެން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފްކުރިއެވެ. އެ މައްސަލާގައި މިއަދު ކުރި ހުކުމުގައި ސްޕްރީމް ކޯޓުން ވަނީ އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ބާތިލްކޮށް، ޕާސްޕޯޓު ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ދެމި އޮތް ކަމަށް ކަނޑައަޅާ މައްސަލަ ނިންމާފައވެެ.

ހިޔާނާތުގެ 42 ދައުވާ އެއް އަންމަޓީގެ މައްޗަށް އުފުލާފައި ވަނީ، އާބަންކޯ (ކުރީގެ އެޗްޑީސީ) އާއި ސީލައިފާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3 ހާސް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ފައިސާ ނަގައި، ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައެވެ.

މި މައްސަލައިގައި އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ޝަރުތުތަކާ އެކު ދޫކޮށްލީ މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގައެވެ. އެކަމަކު މައްސަލައިގެ ޝަރީއަތް އަދިވެސް ކުރިއަށް އެބަ ދެއެވެ.