ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް ތަރައްގީކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ އެއްބަސްވުން އެޗްޑީސީއިން ބާތިލްކުރީ ރަނގަޅަށް ކަމަށް ސިވިލްކޯޓުން ނިންމައިފިއެވެ.
ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގައި އެޗްޑީސީ އަދި ސީލައިފްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މާޗް 13، 2014ގައެވެ.
އެހެން ނަމަވެސް ސީލައިފްއިން އެއްބަސްވުމާއި ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، "ކްރެޑިޓް ސުއިސް" ގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، އެތަކެއް ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައި އެޗްޑީސީއިން ވަނީ ޑިސެމްބަރު 24، 2018ގައި އެ އެއްބަސްވުން ބާތިލްކޮށްފައެވެ.
އެއްބަސްވުން ބާތިލުކުރުމާއި ގުޅިގެން، އެއްބަސްވުން ބާތިލުކޮށްފައި ވަނީ އެއްބަސްވުމާއި ގާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ސީލައިފްގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓު ހުޅުމާލޭ ޑިވިޝަންއަށް ވަނީ މައްސަލަ ހުށަހަޅާފައެވެ. މި މައްސަލައިގެ ތެރެއިން ސީލައިފްގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާއި ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރުކުރުމަށެވެ.
ސިވިލްކޯޓު ހުޅުމާލެ ޑިވިޝަންއިން މިއަދު ވަނީ ސީލައިފާއި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެ ކޯޕަރޭޝަނުން ބާތިލުކޮށްފައި ވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅާފައެވެ. އަދި މި މައްސަލައާ ގުޅިގެން ސީލައިފަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
އެޗްޑީސީއިން ބުނީ ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި އެ ކޯޕަރޭޝަނުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.