ފްލެޓު އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފިލި މައްސަލައިގައި ހިޔާނާތުގެ ދައުވާ ލިބޭ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދު (އަންމަޓީ) ގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކޮށްފިއެވެ.
އަންމަޓީގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމަށް ފަހު 20 ދުވަހުގެ މުއްދަތަކަށް ދޫކޮށްލީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ސްރީލަންކާ އަށް ދިއުމަށްޓަކައި ޕާސްޕޯޓު ދޫކޮށްދޭން އޭނާ އެދުމުން، އިއްޔެ ހަވީރު 5 އިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 11 ގެ ނިޔަލަށެވެ.
ކްރިމިނަލް ކޯޓުން ވަނީ، އަންމަޓީގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެ ކޯޓުން ނެރެފައިވާ އަމުރު ބާތިލުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު އޭނާ އަށް ލަފާދީފައިވާކަން ފާހަގަކޮށް، މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. ހަމަ އެއާއެކު ކޯޓުން ވަނީ:
- އަންމަޓީގެ އާއިލާ ދިރިއުޅެނީ ލަންކާގައި ކަން އޭނާގެ ފަރާތުން ފާހަގަކޮށްފައި
- އަންމަޓީގެ ފަރާތުން ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ލިބިފައިވާ ކަމަށް ބުނެފައި
އެހެންކަމުން އަންމަޓީގެ އާއިލާ ކައިރީގައި ހުރެގެން ފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އޭނާގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމައި، ވަގުތީގޮތުން ދޫކޮށްލަން ވަނީ ނިންމައިފައެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، ހައިކޯޓުގައި ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރަން ނިންމައި، އަންމަޓީގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދިފައިވާ ކަމަށެވެ.
ހިޔާނާތުގެ 42 ދައުވާ އެއް އަންމަޓީގެ މައްޗަށް އުފުލާފައި ވަނީ، އާބަންކޯ (ކުރީގެ އެޗްޑީސީ) އާއި ސީލައިފާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3 ހާސް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ފައިސާ ނަގައި، ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައެވެ.
މި މައްސަލައިގައި އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ޝަރުތުތަކާ އެކު ދޫކޮށްލީ މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގައެވެ. އެކަމަކު މައްސަލައިގެ ޝަރީއަތް އަދިވެސް ކުރިއަށް އެބަ ދެއެވެ.
މިހާރު ރާއްޖޭގައި މިއޮތީ މުޖުރިމުންނަށް ވަރަށްވެސް ފަހި އަދުލު އިންސާފުގެ ނިޒާމެއް. އެއްފަހަރު ފިލާފަ ހުންނަމީހާއަށް ވެސް އަނެއްފަހަރު ފިލުމުފެ ފުރުސަތު މިދަނީ ލިބެމުން. އެއްވެސް މައްސަލައެއް ބަލާ ނިމޭ ދުވަހެއް ނާދޭ.