ފްލެޓު އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފިލި މައްސަލައިގައި ހިޔާނާތުގެ ދައުވާ ލިބޭ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދު (އަންމަޓީ) ރާއްޖެއިން ބޭރަށް ފުރުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދީފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އައްމަޓީގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން އަމުރުކުރީ އެހެން މީހަކު ޖާމިނު ކުރުމަށް ފަހު ރާއްޖެއިން ބޭރަށް ދާން އޭނާގެ ފަރާތުން ހުށަހަޅާފައިވާތީ ކަމަށެވެ.

އެހެންކަމުން ކަފާލާތުގެ ދަށުން އައްމަތީގެ ފަރާތުން މީހަކު ޖާމިނުކޮށް އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކު، 14 ދުވަހުގެ މުއްދަތަކަށް ހުއްދަ ދީފައިވާއިރު އެ މުއްދަތު ގުނާނީ އޭނާ ރާއްޖޭން ފުރުމަށް ހަމަޖެހޭ ތާރީހުން ފެށިގެންނެވެ.

ހިޔާނާތުގެ 42 ދައުވާ އެއް އަންމަޓީގެ މައްޗަށް އުފުލާފައި ވަނީ، އާބަންކޯ (ކުރީގެ އެޗްޑީސީ) އާއި ސީލައިފާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3 ހާސް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ފައިސާ ނަގައި، ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައެވެ.

އައްމަޓީގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި އޭނާގެ ޕާސްޕޯޓް ދޫކުރަން މިދިޔަ އަހަރު ވެސް ކްރިމިނަލް ކޯޓުން އަމުރުކުރި ނަމަވެސް އޭރު އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ވަނީ އޭނާ ފުރަން ހުއްދަ ދިނީ ގޯސްކޮށް ކަމަށެވެ.