އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު ދެއްވި ހިތާބުގައި ރައީސް ވަނީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ތިމާވެއްޓަށް އަސަރުކޮށް، އެކަމުގެ ސަބަބުން ދުނިޔޭގެ މާހައުލީ ނިޒާމަށާއި ގުދުރަތީ ނިޒާމަށް މީގެ ކުރިން ނުލިބޭ ފަދަ ގެއްލުންތައް ލިބެމުންދާ ކަމާއި، އެ ގެއްލުންތަކުގެ ސަބަބުން މޫސުމަށް ނޭދެވޭ ބަދަލުތައް އަންނަ ކަން ފާހަގަކުރައްވައިފައެވެ.

އިންސާނުން ކުރާ ނޭދެވޭ އަމަލުތަކުގެ ސަބަބުން އިންސާނުންގެ ދިރިތިބުމަށް ނުރައްކާވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށްޓަކައި، އަދި އިންސާނުން ދިރިތިބުމަށްޓަކައި ނޭވާލާނެ ސާފު ވަޔާއި، ބޯނެ ސާފު ފެނާއި، ކާނާ އާއި ހިޔާވަހިކަން ހޯދުމަށްޓަކައި ގަސްގަހާގެއްސާއި ކަނޑުފަޅުތަކާއި ކޯރު ފަދަ ތަންތަން ހިމެނޭހެން ތިމާވެށީގެ ތަޣައްޔަރުކަން ނައްތާލުން މުހިންމެވެ.

"އޭގެ އިތުރުން ވެސް، މި ބިންމަތީގައި ގުދުރަތީ ގޮތުން ލައްވާފައިވާ ކޮންމެ ދިރުމަކާއި ކޮންމެ އެއްޗަކީ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން، އިންސާނާގެ ހިދުމަތުގައި ލައްވާފައިވާ ފުރިހަމަ ނިޒާމެއްކަމުން، އެ ނިޒާމު އޮޅުންބޮޅުންވިޔަ ނުދީ ރައްކާތެރިކުރުމަކީ ކޮންމެ އިންސާނެއްގެ ފަރުދީ ވާޖިބެއް،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރާއްޖޭގެ ހާލަތަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމެއް ހިމެނޭހެން ރާއްޖެ އަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކްގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ ކަމަށެވެ. އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބާވަތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދުގެ މައި ދެ ތަނބު ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަން ބިނާވެފައި ވަނީ ކަނޑުފަޅުތަކުގެ ދިރުންތަކުގެ މައްޗަށް ކަމަށް ވުމުން، ޕްލާސްޓިކްގެ ސަބަބުން ކަނޑުފަޅުތައް ތަޣައްޔަރުވިޔަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ތިމާވެށި ހިމާޔަތްކުރެވޭނީ އެއީ ދިރިއުޅުމުގެ ބައެއް ކަމުގައި ހަދައި، ދިރިއުޅުމުގެ އާދައަކަށް ހަދައިގެން ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވި ގޮތުގައި، މިއަދު ތިމާވެށި ހިމާޔަތްނުކޮށްފި ނަމަ، އަދި އެކަމަށް އެއްވެސް މަސައްކަތެއް ނުކޮށްފި ނަމަ، ދުނިޔެއަކީ މާދަމާ އިންސާނުން ދިރިއުޅުމަށް ނުރައްކާތެރި ތަނަކަށް ވުން އެކަށީގެންވެއެވެ.

އާންމުން މޫދަށް އެރި، އުފާފާޅުކުރަން ގޮސް އުޅޭ ގޮނޑުދޮށްތަކާއި ކާނާގެ ރައްކާތެރިކަމާ ގުޅިފައިވާ ކަނޑުފަޅުތައް ޕްލާސްޓިކްގެ ސަބަބުން ތަޣައްޔަރުވިޔަ ނުދިނުމަށްޓަކައި މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވެ، އާންމުންގެ މައްޗަށް އޮތް ޒިންމާ ރައީސް ހަނދާންކޮށްދެއްވިއެވެ.

"މިކަންކަން ކުރެވޭނީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެހާ އާދަތައް، ތިމާވެށްޓާ ރަހުމަތްތެރި ގޮތްތަކަށް ބަދަލުކޮށްގެން. އަޅުގަނޑުމެންގެ ތެރެއިން އެންމެ ތުއްތު ކުއްޖާ އިން ފެށިގެން އެންމެ ދޮށީ އުމުރުގެ މީހާއަކީ ވެސް، ޕްލާސްޓިކަށް ނޫނެކޭ ބުނާ މީހެއްކަމަށް ވެގެން. ވަކިން ހާއްސަކޮށް، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލައިގެން،" ރައީސް ވިދާޅުވިއެވެ.