މާލޭން ރ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި އަލިފާން ރޯވެ، އަނދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މާލޭން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށްވާ "ހޮރައިޒިއާ 2" ގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު، މިރޭ 7:16 ހާއިރު ލިބިފައިވާ ކަމަށެވެ.

ރަސްގެތީމަށް ދަތުރުކުރަމުން ދިޔަ އެ ދޯނީގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައި ވަނީ ދޯނީގެ އިންޖީނު ރޫމްގައި ރޯވެގެން ކަމަށް، އެމްއެންޑީއެފުން ބުންޏެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ކަމަށްވާ ބ. ފޯ ސީޒަން ރިސޯޓުގެ އުތުރުން ތިން ނޯޓިކަލް މޭލު ބޭރު ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުންޏެވެ.

https://www.facebook.com/reel/1350155542383530

މިހާރު ދައުރުވަމުންދާ މަންޒަރުތަކުން ފެންނަ ގޮތުގައި، އެ ދޯނީގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

"ހޮރައިޒިއާ 2" އިން ދަތުރުކުރަމުން ދިޔަ 10 މީހުން ސަލާމަތްކޮށް ފޯ ސީޒަން ރިސޯޓުގެ ލޯންޗަކަށް އެ މީހުން މިހާރު ނަގާފައިވާ ކަމަށާއި، އެ މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި ބ. އޭދަފުށީގެ ސީ އެމްބިއުލާންސާއި ޅ. މާފިލާފުށިން ކޯސްޓްގާޑުގެ ހާބަރު ކްރާފްޓް ލޯންޗް މިހާރު ދަނީ އަލިފާން ރޯވެފައިވާ ސަރަހަށްދަށް ދިއުމަށް ދަތުރުކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.