އިންޑިއާގެ ކެރެލާ ބޭރަށް އަޑިއަށްދިޔަ ކާގޯ ބޯޓުގެ ހާދިސާ ވަރަށް ގާތުން ބަލަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ލައިބީރިއާގައި ރަޖިސްޓްރީކޮށްފައިވާ އެމްއެސްސީ އީއެލްއެސްއޭ3 ބޯޓު އިންޑިއާގެ ދެކުނު ފަރާތުގައި އޮންނަ ކޮޗިންއަށް ދަތުރުކުރަމުން ދަނިކޮށް އަރި އަޅާލީ އިއްޔެގެ ވަގުތެއްގައެވެ. ނުރައްކާތެރި ކެމިކަލް ހިމެނޭ މި ބޯޓު ދަތުރު ކުރަމުންދިޔައީ ޓްރިވެންޑްރަމްގެ ވިޒިންޖަމް ބަނދަރުން މުދާ ބަރުކޮށްގެން އިންޑިއާގެ ދެކުނު ފަރާތުގައި އޮންނަ ކޮޗިންއަށެވެ.

ކެރެލާގެ އައްސޭރިފަށުން ގާތްގަނޑަކަށް 38 މޭލު ބޭރުން އެ ބޯޓު އަރިއަޅާލީ މުދާ ބަރުކުރާ ވައްގަނޑެއް ފޫވެއްޓިގެން ކަމަށް ބައެއް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ. 184 މީޓަރުގެ މި ބޯޓުގައި 640 ކޮންޓެއިނަރު އުފުލަމުން ދިޔައިރު އޭގެ ތެރޭގައި ނުރައްކާތެރި މުދާ އެކުލެވޭ 13 ކޮންޓެއިނަރާއި ކެލްސިއަމް ކާބައިޑް އެކުލެވޭ 12 ކޮންޓެއިނަރު ހިމެނެއެވެ. އަދި ބޯޓުގައި 370 ޓަނުގެ ފިއުލް އާއި ތެޔޮ ވެސް ހުރި ކަމަށް ވެއެވެ.

ކުރިން އެ ބޯޓު އަރިއަޅާލި ނަމަވެސް މިހާރު މުޅި އުޅަނދު އަޑިއަށް ގޮސްފައިވާ ކަމަށް ކެރެލާގެ ޗީފް މިނިސްޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި ބޯޓު އަޑިއަށް ދިއުމާއެކު ގިނަ އަދަދެއްގެ ކޮންޓެއިނަރުތަކެއް ކަނޑަށް ދޫވެފައިވުމާއެކު އެ ސަރަހައްދުތަކުގައި އުޅޭ މީހުން ސަމާލުވުމަށް އިންޑިއާގެ ކޯސްޓްގާޑުން ދަނީ އިރުޝާދު ދެމުންނެވެ.

އެމްއެސްސީ އެލްސާ 3އިން ކަނޑަށް ބޭރުވި ބައެއް ކޮންޓެއިނާތައް އޮޔާދާ މަންޒަރު

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ، އިންޑިއާ ކަނޑުގެ ސަރަހައްދަށް ކޮންޓޭނާ ޝިޕެއް އަޑިއަށް ދިޔަ ހާދިސާ، ސަރަހައްދީ އެމްއާރުސީސީތަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ހަމަ އެހެންމެ މި ދުވަސްވަރުގެ މޫސުމާއި އަދި އިރުދެކުނަށް އޮއިވަރު ހުރުމުގެ ސަބަބުން މި ބޯޓުން ކަނޑަށް އެޅިފައިވާ ތެޔޮ އަދި ނުރައްކާތެރި ތަކެތީގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާ ހިނގިިއިރު ކާގޯ ބޯޓުގައި 24 ފަޅުވެރިން ތިބިއިރު އެ އެންމެންވެސް އިންޑިއާގެ ކޯސްޓް ގާޑާއި ކަނޑުގެ ސިފައިންގެ އެހީތެރިކަމާއެކު ވަނީ ސަލާމަތް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ރަޝިއާ މީހަކާއި، 20 ފިލިޕީނޯ މީހުންނާއި، ދެ ޔުކްރެއިން މީހުންނާއި، ޖޯޖިއާ މީހެކެވެ.

އިންޑިއާގެ ނެޝަނަލް ސެންޓާ ފޯ އޯޝަން އިންފޮމޭޝަން އެންޑް ސާވިސަސް (އައިއެންސީއޯއައިއެސް)އިން އިންޒާރުދީފައިވަނީ 36 އިން 48 ގަޑިއިރުގެ ތެރޭގައި ބޯޓުން ތެޔޮ އައްސޭރިފަށަށް ފޯރާފާނެ ކަމަށެވެ. އެއާއެކު އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.