އިޒްރޭލުން ގާޒާ ތަޅާ ސުންނާފަތިކޮށް އާންމުން ބަނޑަށް މަރަމުން ދާތީ އެއްވެސް ޝަރުތެއް ނެތި ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކޮށް ބޭރު ކޮށް ލައިފިއެވެ.

މިއީ މިފަދަ ގަރާރެއް ވީޓޯ ކޮށް ބޭރު ކޮށްލި 5 ވަނަ ފަހަރެވެ.

އެންމެންގެ ތެރެއިން 'ހުނިޖެހި' އެމެރިކާއިން އެކަނި ވީޓޯ ކޮށް ގަރާރު ބޭރު ކޮށްލަނީ، ސުލްހައިގެ މަގަށް އެމެރިކާ ކުރަމުން ދާ މަސައްކަތަށް ހިޔަޅި އެޅޭ ކަމުގެ ބަހަނާ ދައްކައެވެ.

އިނގިރޭސިވިލަތް ހިމެނޭހެން ޖުމްލަ 14 ގައުމުން ގަރާރާ އެއްކޮޅަށް ވޯޓު ދިން އިރު އެމެރިކާއިން ދައްކާފައި ވަނީ ހަރުކަށި ކަމެވެ.

އދ ގައި އިންނަ އެމެރިކާގެ އެމްބެސެޑަރު ޑޮރޯތީ ކަމީލޭ ޝިއާ ބުނަނީ، އެމެރިކާއިން ގަރާރު ވީޓޯ ކުރާ ދެވަނަ ސަބަބަކީ އެ ގަރާރުގައި ހަތިޔާރު ބެހެއްޓުމަށް ހަމާސް އަށް ގޮވާލާފައި ނުވުން ކަމަށެވެ.

އެމެރިކާއިން ބުނަނީ ނަފްސުގެ ދިފާއުގައި ކޮންމެ ފަދަ ކަމެއްވެސް ކުރުމުގެ ފުރިހަމަ އިހުތިޔާރު އިޒްރޭލަށް އޮންނާނެ ކަމަށާއި، އެއާ ފުށޫ އަރާނެ ހަމަ އެއްވެސް ކަމަކަށް އެމެރިކާއިން ޖާގަ ނުދޭނެ ކަމަށެވެ.

އެމެރިކާއިން ގަރާރު ވީޓޯ ކުރުމާއެކު އިޒްރޭލުން ވަނީ، ޔަހޫދީންނާއެކު ކޮނޑާ ކޮނޑު ޖައްސާ އެމެރިކާއިން ގަދަކޮށް އޮންނާތީ އެކަމަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާ ކޮށްފައެވެ.

އިޒްރޭލުން ގާޒާގެ ރައްޔިތުން މަރާ ހުސްކުރަމުން ދާ އިރު، އެމީހުން ބޭނުން ކުރާ ހަތިޔާރު ފޯރުކޮށް ދެނީ އެމެރިކާ އާއި ފްރާންސާއި އިނގިރޭސިވިލާތުންނެވެ. އަދި ޔޫރަޕުގެ އެހެން ބައެއް ގައުމުގެ ތަކުގެ އިތުރުން އިންޑިއާއިން ވެސް ހަތިޔާރު ފޯރުކޮށް ދެއެވެ.

އިޒްރޭލުގެ އަމާޒަކީ ގާޒާ އެކީއެކަށް ހުސްކޮށްލައި އެތަން އިޒްރޭލުގެ އަތްދަށަށް ގެންގޮސް ޔަހޫދީ އާބާދީތައް ވަޒަންވެރި ކުރުވާށެވެ. އެމަގަށް ކަންކަން ގެންދިޔުމަށްޓަކައި، ކާބޯތަކެތިން ގާޒާގެ ތައްޔިތުން މަހުރޫމްކޮށް ބަނޑަށް މެރުމުގެ އިތުރުން ހިނގާ ބިނގާވެ އުޅޭ މީހުންގެ ބޮލަށް އަދި މެޔަށް މަޑިޖަހާ މެރުމުގެ ނުބައި ޖަރީމާވެސް ދަނީ ހިންގަމުންނެވެ.

އދ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގާޒާ އަކީ މިވަގުތު އޮތް 'ދުނިޔެމަތީގެ ނަރަކަ' އެވެ. އަދި އެއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ 'ހައިހޫނުކަން ތަހަންމަލް ކުރަންޖެހިފައިވާ' ތަނެވެ.

ގާޒާއަކީ އިޒްރޭލުގެ ނުލަފައި ސިފައިން ވަށާލައި މިލިއަނެއްހާ މީހުން ބަންދު ކޮށްގެން ގެންގުޅޭ އަނގަމަތީ ޖަލެކެވެ. ކާއެއްޗެއްވެސް އަދި ބޯއެއްޗެއްވެސް އަދި ބޭހެއްވެސް އަދި އަސާސީ ހިދުމަތެއްވެސް ލިބެނީ އިޒްރޭލުން ދިނިއްޔާއެވެ.