ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހާމަކޮށްފިއެވެ.

އެ އޮފީހުން ނެރުނު ސަމާލެއްގައި ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށެވެ. އެގޮތުން އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އޮފީހުން ބުނެއެވެ.

އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާ ގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ހަމަ އެހެންމެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުަމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމަތް ވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައި ވެއެވެ.

ކުރިއަށް ދަނީ ބޮޑު އީދު ބަންދު ކަމުން ގިނަބަޔަކު އަތޮޅު ތެރެއަށް ދަތުރުކުރި އެވެ. އީދު ޗުއްޓީ ނިމޭނީ ހޯމަ ދުވަސް ކަމުން ގިނަ ބަޔަކު އެ ދުވަހު އަނބުރާ ރަށްތަކަށް ދާން ދަތުރު ފަށާނެ އެވެ. އެހެން ކަމުން އެ ފަރާތްތަކުން ވެސް ދަތުރު ކުރާ އިރު ސަމާލު ވުމަކީ މުހިންމު ކަމެކެވެ.