ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް އައި ހުރިހާ ހައްޖާޖީން މިހާރު ވަނީ ބޮޑު ޖަމްރާއަށް ހިލަ އުކާ ނިމިފައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ ކޯޕަރޭޝަންގެ ހަވާލުގައި އައި 1000 ބޭފުޅުންނާއި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން މިހާރު ބޮޑު ޖަމްރާއަށް ހިލަ އުކާ ނިމިފައިވާކަމަށާއި، މާދަމާ ތިން ޖަމްރާއަށް ހިލަ އުކުން އޮންނާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ތިން ޖަމްރާއަށް ހިލަ އުކުމަށްވެސް މާދަމާ ހައްޖު ކޯޕަރޭޝަނުން ހުރިހާ ހައްޖުވެރިން އެކުގައި ގެންނާނެ ކަމަށާއި، އަމިއްލަ އަތުން ހިލަ އުކުމުގެ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ތަވާފުލް އިފާޟާކުރުމާއި ސަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސައުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ތަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ. މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފައެވެ. ހުރިހާ ހައްޖުވެރިންވެސް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

ދިވެހި ހައްޖުވެރިން މިފަހަރު މައްކާއަށް ގޮސްފައިވަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފައެވެ. މި ހިދުމަތް ދިވެހިންނަށް ފަހިވެފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.

މީގެއިތުރުންވެސް ދިވެހި ހައްޖުވެރިންނަށް ވަނީ ގިނަ ލުއިފަސޭހަތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ދިވެހިން ހައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް ހިލޭ ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ހައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި، ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ހައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމުގައި ވިދާޅުވެފައެވެ.