ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ހާން ރަތް ލިބާހުގައި ދިވެހިންނަށް އީދު ތަހުނިޔާ ފޮނުވައިފިއެވެ.

ފަރާ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައި އެމްއެމްޕީއާރްސީގެ ދައުތަކަށެވެ. އޭނާ ރާއްޖެ އައުމާއެކު މަރުހަބާ ކިޔާފައި ވަނީ ވެސް އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އިބްރާހިމް ޝިއުރީއެވެ.

އެމްއެމްޕީއާރްސީން ބުނީ، މިއީ މިހާރު ފާހަގަ ކުރަމުން އަންނަ އަޟްހާ އީދު ހަރާތްތައް ފަރާ އަށް ދައްކާލައި އޭނަ މެދުވެރިކޮށް ކޮންޓެންޓްތަކާ އެކު ރާއްޖެ ޕްރޮމޯޓް ކުރުމަށްޓަކައި ދިން ދައުވަތެއް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ޓީމާ އެކު ރާއްޖޭގެ އެކި ހިސާބުތަކުން ފަރާ ކޮންޓެންޓްތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފަރާ ރާއްޖެ އައީ އޭނެގެ ގޭގައި ކައްކާ، ދިލިޕްވެސް ގޮވައިގެން އައުމެވެ. ގިނަބަޔަކަށް ދިލިޕް އެނގެނީ މިފަހަކަށް އައިސް މަގުބޫލުވެފައިވާ ފަރާގެ ޔޫޓިއުބް ވްލޮގްސްއިންނެވެ. ފަރާ ރާއްޖެ އަންނަން ފުރުމުގެ ކުރިން މުމްބާއީގެ އެއާޕޯޓުގައި ހުރެ ދިން އިންޓަވިއުގައި ބުނީ، މިއީ ގައުމުން ބޭރަށް ދިލިޕްކުރާ ފުރަތަމަ ދަތުރު ކަމަށެވެ. އެހެންވެ ދަތުރު ވަރަށް ހާއްސަ ކަމަށް ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީން އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯގައި ފަރާ ފެނިފައި ވަނީ ދިވެހިވަންތަ ބޯވަޅުލީ ރަތް ލިބާހެއްގައެވެ. އެ ވީޑިއޯގައި އޭނާ ވަނީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހީންނަށް އުފާވެރި އީދުގެ ތަހުނިޔާ ފޮނުވާފައެވެ.

ފަރާ ރަތް ލިބާސް ލައިގެން ހުރިއިރު ހީވަނީ ހަމަ ދިވެއްސެއްހެންނެވެ. އަދި ދިލިޕް ވެސް ހުދު ކުލައިގެ ޓީޝާޓް އެއް ލައިގެން ހުރިއިރު، ތިރިން ވަނީ ދިވެހިވަންތަ ކަން ދައްކުވާދިނުމަށް ފޭލި އެއް އަނދެފައެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާން، ކައްކާ ދިލިޕް އަދި އޭނާގެ ކްރޫ

ރާއްޖެ ޕްރޮމޯޓްކުރަން ފަރާ ގެނައި އިރު، އޭނަ މީގެ ކުރިން އާއިލާއާ އެކު އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ފަރާ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރެއިިން ހިމެނޭ މީހެއްވެސް މެއެވެ. އޭނާ ވަނީ "މޭ ހޫ ނާ" އާއި "އޯމް ޝާންތި އޯމް" ކަހަލަ ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު އެތައް ފިލްމެއް ޑައިރެކްޓުކޮށްފައެވެ.