އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރި ވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމަށް މަސައްކަތް ފަށައިފިއެވެ.
އެޗްޕީއެއިން އިތުރަށް ބުނީ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން މަސައްކަތް ކުރަމުން ދާކަށެވެ.
އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސީރިއަސް ބައްޔެކެވެ.
ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތައް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެން ވެއެވެ. މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ.
ބަލި ޖެހިފައިވާ މީހާއާ އެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.
ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖެއިން މި ބަލި ފެނި އެކެއްގެ ފުރާނަ ގެއްލިފައި ވެއެވެ. އެއާއެކު ގިނަ ބައެއްގެ ކޮންޓެކްޓް ޓްރޭސިން ވެސް ހެދިއެވެ. އެއީ ނިޔާވި މީހާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވި 46 ފަރާތެކެވެ.
އޭރު އެ ބަލި ފެނުނީ، ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައިތަނާހެން ހާލު ދެރަވި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ފަރާތުންނެވެ. ބަލި ޖެހި ހާލު ސިރީޔަސްވެގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.