އިއްޔެ މާލެ އާއި ވިލިމާލޭގާއި ކަނޑައެޅި ވެހިކަލް ދުއްވުން މަނާ ވަގުތުގައި އަމުރާ ހިލާފުވި 141 މީހަކަށް ނަސޭހަތްދިން ކަމަށް ފުލުހުން ބުނެފިއެވެ.
އަޟްހާ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު 4:00 އިން 18:00 އަށް ވަނީ މާލެއާއި ވިލިމާލޭގައި އިންޖީނުލީ އަދި ބެޓެރިލީ އުޅަނދު ދުއްވުން މަނާކޮށްފައެވެ. މިފަދައިން ނިންމާފައި ވަނީ މާލެ ސިޓީން މިދިޔަ ބުދަ ދުވަހު އެވެ.
އެގޮތުގެ މަތިން އެކަން ތަންފީޒު ކުރުމަށް ފުލުހުން ވަނީ މަގުތަކުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ އޮޕަރޭޝަނުގެ ތެރެއިން އުޅަނދު ދުއްވުން މަނާ ވަގުތުގައި އުޅަނދު ދުއްވައިގެން 141 މީހަކަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
އަދި 11 މީހަކު ޖޫރިމަނާކޮށް، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުންނާއި ލައިސެންސް މުއްދަތު ހަމަވެފައި އޮއްވާ ދުއްވައިގެން އަދި އެއްގޮތަކަށް ވެސް ލައިސެންސް ނެތި ދުއްވި 3 މީހެއްގެ ވެހިކަލް ޓޯކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮންމެ އަހަރެއްގެވެސް ފިތުރު އީދު އަދި އަޟްހާ އީދު މި ދެދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާކުރާ ގޮތަށް ކަނޑައެޅީ މިދިޔަ އަހަރުގެ ޖޫން 13 ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ޖަލްސާއިންނެވެ. އަދި މި ނިންމުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ބޮޑު އީދު ދުވަހާ ގުޅިގެން މާލެއާއި ހުޅުމާލޭގައި ވެސް ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އަދި މި ހަރަކާތްތައް ތިން ދުވަހަށް ދެމިގެންދާނެ ކަމަށް އެމްއެންޑީއެފް އިން މީގެ ކުރިން ވަނީ މައުލޫމާތު ދެއްވާފައެވެ.