ހޮޅުދޫ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި ގެއްލުނު ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ޝަރީފް ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
'ހޮޅުދޫ ބޯޓު' ގައި ރޯވީ މިދިޔަ ބުދަ ދުވަހު ހިރިލަންދޫ އިން ފުރައިގެން މާލެ ދަނިކޮށް ތ. ކަނޑޫދޫ ކައިރިންނެވެ. 11 ދިވެހިން އަދި 7 ބިދޭސީންނާއެކު ޖުމްލަ 18 މީހުން އެ ބޯޓުން ދަތުރު ކުރި އިރު ސަލާމަތްވެފައި ވަނީ 17 މީހުންނެވެ. އެ ހާދިސާގައި ގެއްލުނީ ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު ޝަރީފް، 25، އެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްގެންދާއިރު އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފް އިން ބުނީ، މިހާތަނަށް ސާފޭސް ސާޗްގެ ގޮތުގައި 133 ސްކެއާ ނޯޓިކަލް މޭލް ބަލާފައިވާ ކަމަށެވެ. އަދި ހަމައެެހެންމެ އަންޑަވޯޓާ (ޑައިވިން) ސާޗްގެ ގޮތުގައި 143,880 އަކަ މީޓަރުގެ އިތުރުން ވައިގެމަގުން 5000 ސްކެއާ ކިލޯމީޓަރު ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ނަމަވެސް މިހާތަނަށް މުޝްފިގް ގެ ހިލަމެއް ވެފައި ނުވެއެވެ. މިހާދިސާގައި ބައެއް މީހުންނަށް ޒަހަމްވެފައިވާ އިރު، ދެ މީހަކަށް ތ.ކަނޑޫދޫ މަރުކަޒުގައި ފަރުވާވެސް ދީފައި ވެއެވެ.
އެ ބޯޯޓުގައި އަލިފާން ރޯވީ ކަނޑޫދުއަށް ވަދެ މުދާ އަރުވައިގެން ހިރިލަންދުއަށް ގޮސް، އެ ރަށުން ފުރި ފަހުންނެވެ. ނަމަވެސް ބޯޓުގައި ރޯވާން ދިމާވި ސަބަބެއް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވާއިރު ބޯޓުގައި ހުރި މުދަލާ ގުޅޭ ތަފްސީލެއް ވެސް ލިބިފައި ނުވެއެވެ.