ޗާގޯސް މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޒުލުކުރަން ސޮއިކުރައްވާފައި ވާ ކަމަށް އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

'ނާޒިމް ބުނަނީ ކީކޭ؟' ގެ ނަމުގައި ރޭ އެމްއެންޕީ އިން ކްލަބް ހައުސްގައި ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ރައީސްއަށް ލިބިވަޑައިގެންފައި ނުވާ ބާރެއް ކަމަށެވެ. އަދި އެފަދަ ކަންކަން ނިންމުމުގެ ބާރު އޮތީ މަޖިލީހުގައި ކަމަށާއި މިސަބަބާ ހުރެ ރައީސް އަޒުލު ކުރުމަށް ސޮއިކުރެއްވި ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޗާގޯސް މައްސަލާގައި ރައްޔިތުންގެ ހުރި ކަންބޮޑުވުން ތަކަށް އެމްއެންޕީއިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި ޗާގޯސް ކޯލިޝަން މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އަޒުލުކުރުމަކީ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު، ކަނޑައެޅި ބަޔާންވެގެންވާ ހާލަތްތަކުގައި، ކަނޑައެޅި ބަޔާންކުރެވިފައިވާ އިގުރައާތަކާ އެއްގޮތަށް އެމަގާމުން ވަކިކުރުމެވެ.

ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ މަޖިލީހުގެ ތިންބައި ކުޅަ އެއްބައި މެންބަރުންގެ އަދަދަށް ސޮއި ހުށަހެޅުމުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން އެއީ 29 މެންބަރުންނެވެ.

ރައީސް އަޒުލުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީން ވަނީ ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕެއް އުފައްދާފައެވެ. އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވެސް އެ ގްރޫޕްގައި ބައިވެރި ވެއެވެ.

އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓު ނުވަތަ 135 މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

މިކަމާ ގުޅިގެން އެ އިއްތިހާދުން ބުނީ ރާއްޖެއަށް ގެއްލިގެން ދިޔައީ ރާއްޖޭގެ މަސްވެރިން ނަފާ ހޯދަމުން ދިޔަ ކަނޑުގެ ސަރަަހައްދެއް ކަމުން އެއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ރައީސް ސޯލިހް ގައުމަށް ހިޔާނާތްތެރިވެއްޖެ ކަމަށް ވެސް އެ އިއްތިހާދުން ބުނެއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ބުނެ އެކުލަވައިލި އިއްތިހާދުން ވަނީ އެ ނިންމުން އިސްތިއުނާފް ކުރުމަށާއި، ރައީސް މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ގޮވާލައި ޕެޓިޝަނެއްގައި އާންމުން ލައްވާ ސޮއިކުރުވަންވެސް ފަށާފައެވެ.