މިދިޔަ އަހަރުގެ ޖުލައި ފަހުކޮޅު އެމެރިކާ އިން އެކުލަވާލި ނިރުބަވެރިންގެ ލިސްޓުގައި 20 ދިވެއްސެއްގެ ނަން އޮތުމާ ގުޅިގެން ރާއްޖެ އަށް ގެއްލުންވާނެ މިންވަރު ބެލުމަށް ގޮވާލާ ހުށަހެޅި ގަރާރު މިއަދު ބަލައިގެންފިއެވެ.

އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގަތީ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 22 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.

އެހެންކަމުން މި ގަރާރު އިތުރަށް ދިރާސާކުރުމަށްޓަކައި ރިޔާސަތުން ވަނީ މަޖިލީހުގެ 241 ކޮމިޓީ އަށް ގަރާރު ފޮނުވާލައިފައެވެ.

ނާޒިމް ހުށަހެޅުއްވި ގަރާރުގައި ބުނީ، އެމެރިކާގެ ސަރުކާރުން ނެރުނު ލިސްޓަކީ ރާއްޖޭގެ ނަމަށާއި އިގްތިސޯދަށާއި ދިވެހީންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ނިންމުމެއް ކަމަށް ބެލޭވެތީ ޓެރަރިޒަމްގެ ނުރައްކަލާއި ބިރުވެރިކަން އޮތް މިންވަރު ދިރާސާކުރުމަށް ފަހު އޭގެ އަސަރު ވީހާ ވެސް ކުޑަވާނެ ގޮތަކަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އެހެންކަމުން ނާޒިމް ގޮވާލެއްވީ އެ ކަމުގެ ނުރައްކާ ދިވެހި މުޖުތަމައުގައި އޮތް މިންވަރު ވަޒަންކޮށް، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތްކުރުމަށެވެ.

އެމެރިކާ އިން ނެރުނު ލިސްޓުގައި ވަނީ 20 ދިވެއްސެއްގެ އިތުރުން، 29 ކުންފުންޏަކުން ޓެރަރިޒަމަށް ހަރަދުކުރާ ކަމުގެ ތުހުމަތުކޮށްފައެވެ. އަދި އެ ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް، ލިސްޓާ އެކު އާންމުކުރި ބަޔާނުގައި އެމެރިކާގެ ސަރުކާރުން ބުނެފައިވެއެވެ.