ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ގޮނޑި އިމްތިޔާޒް ފަހުމީ(އިންތި)އަށް ގެއްލިއްޖެއެވެ.

މެދުނުކެނޑި 15 އަހަރުދުވަހު ވަންދެން މާފަންނު އުތުރު ދާއިރާގެ ގޮނޑި ފުރުައްވަމުންދިޔަ އިންތިގެ ގޮނޑި ކާމިޔާބު ކުރެއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓުގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްއެވެ.

އިންތި ވަނީ ބަލި ގަބޫލު ކުރައްވާ ނާޒިމަށް މަރުހަބާ ދަންނަވާފައެވެ. "މާފަންނު އުތުރު ދާއިރާއިން ނާޒިމް ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަން. އަދި މިފަހަރު ވެސް އަޅުގަނޑަށް ވޯޓުދެއްވި ބޭފުޅުންގެ އިތުރުން ވޯޓުގައި ބައިވެރިވެވަޑައިގެން ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރިއްޔާ." އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ ކުރިން އެމްޑީޕީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އިންތިވަނީ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ އިކޮނުމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާ ވާދަ ކުރައްވާ ނާކާމިޔާބުވެވަޑައިގެންފައެވެ. އެއަށްފަހު ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ކުރީގެ ރައީސް ނަޝީދު އިސްކޮށް ހުންނަވާ އަލަށް އުފެއްދެވި ދަ ޑިމޮކްރަޓްސްއާ ވަނީ ގުޅިވަޑައިގެންފައެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރަމުންދާއިރު ޕީއެންސީން ވަނީ ސުޕާ މެޖޯރިޓީ ކާމިޔާބު ކޮށްފައެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި މި ދައުރު ފުރުއްވަމުންދިޔަ ގިނަ މެންބަރުންގެ ގޮނޑިތައް އެ ޕާޓީއަށް ވަނީ ގެއްލިފައެވެ.