ކުރިއަށް އޮތް ފަސް އަހަރު ސާބިތުކަމާ އެކު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ތިބޭނެ ކަމަށް ދަނގެތީ ދާޢިރާގެ މެމްބަރު އަދި އެމްއެންޕީގެ ލީޑަރު ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްއާއެކު ކޯލިޝަނާ ހެދީ، ގައުމަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސްދީ އަދުލު އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވުމުން ކަމަށެވެ.

އެހެންކަމުން އާ ސަރުކާރުން ވައުދުވި މި ކަންކަމަށް އަމަލީ ސިފަ ގެނެސްދިނުން އުންމީދު ކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަޅުގަނޑު މުއިއްޒަށް ދަންނަވަން ބޭނުން އަޅުގަނޑުމެންގެ ސާބިތު ކަމަކަށް ބަދަލެއް ނައިސް އިރާދަކުރެއްވިއްޔާ ޑރ. މުއިއްޒު އެދިވަޑައިގަންނަވާ ގޮތަކަށް މި ޕާޓީން މަސައްކަތް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން
ނާޒިމް

މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބާއްވާ އިންތިހާބުތަކުގައި އެމްއެންޕީން ވާދަކުރާނީ ޕީޕީއެމް ޕީއެންސީއާ ގުޅިގެން ކަމަށާއި އެގޮތުން ކުރިއަށް އޮތް މާލޭ މޭޔަރުގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްއެންޕީން ވާދަކުރާނެ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގައި އެންއެމްޕީން ވާދަކުރެއްވީ އެ ޕާޓީގެ ލީޑަރު ކާނަމް މުހައްމަދު ނާޒިމްއެވެ. މި އިންތިހާބުގައި ނާޒިމްއަށް ލިބިވަޑައިގެންފައި ވަނީ 1900 ވޯޓެވެ. އެއަށްފަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްއެންޕީން ވަނީ ޕީޕީއެމް ޕީއެންސީއާ އެކު ކޯލިޝަން ހަދާފައެވެ.