ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިއަދު ބައްދަލުކުރެއްވީ މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ކާނަލް މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއާއެވެ.

މީގެ އިތުރުންވެސް މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ވެސް ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުންތަކާ ގުޅިގެން ރައީސް އޮފީހުން ބުނީ، މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ގައުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާއާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށެވެ.

އެގޮތުން ގައުމުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމާއި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާ ގުޅޭ ގޮތުންނެވެ. އަދި ހަމަ އެހެންމެ ދާހިލީ އަދި ހާރިޖީ އެކިއެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކުރައްވާ، ސަރުކާރަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެކަމުގައި ޕާޓީތަކުގެ ލީޑަރުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ވަރަށް މުހިންމު ކަމަށާއި މިފަދަ އިތުރު ބައްދަލުވުންތައް ކުރިމަގުގައި ވެސް ބާއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.