މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ވޯޓާ ނުބައްދަލު ހަރަދު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އެމްއެންޕީގެ ކެންޑިޑޭޓް އަހުމަދު ނާޒިމް ކަމަށް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.

ގާސިމްގެ މާލީ ބަޔާން ދައްކާ ގޮތުގައި ކެމްޕެއިނަށް ޖުމްލަ 25.7 މިލިއަން ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ. އެއީ އެކިއެކި ގާނޫނީ ޝަހުސުތަކުން ލިިބިވަޑައިގެންނެވި 15 މިލިއަން ރުފިޔާ އާއި ޖޭޕީން ލިބިވަޑައިގެންނެވި 5.4 މިލިއަން ރުފިޔާގެ އިތުރުން ގާސިމް އަމިއްލަފުޅަށް ދެއްވި 1 ލައްކަ ރުފިޔާއެވެ. މީގެ އިތުރުންވެސް، އެ ޕާޓީން ލިބިވަޑައިގެންނެވި ތަކެތީގެ އަގު 5.2 މިލިއަން ރުފިޔާ އަށް އަރައެވެ.

ގާސިމް އަމިއްލައަށް 1 ލައްކަ ރުފިޔާ ހަރަދު ކުރެއްވި އިރު 20.3 ހަރަދުކޮށްފައި ވަނީ ތާއިދު ހޯދުމަށެވެ. އަދި އިންތިހާބަށް ހޯއްދެވި ފައިސާގެ ތެރެއިން 85،450 ރުފިޔާ ކެމްޕެއިން ނިމުނުއިރު ބާކީ ހުރި ކަމަށް ގާސިމްގެ މާލީ ބަޔާނުން ދައްކައެވެ.

އެމްއެންޕީގެ ފަރާތުން ވާދަ ކުރެއްވި ކެންޑިޑޭޓް އަހުމަދު ނާޒިމްގެ މާލީ ބަޔާން ދައްކާ ގޮތުން އިންތިހާބަށް ލިބިވަޑައިގެންފައި ވަނީ ޖުމްލަ 13 މިލިއަން ރުފިޔާއެވެ. އެއީ ކެންޑިޑޭޓުގެ އަމިއްލަ ފައިސާގެ ގޮތުން 730،000 ރުފިޔާއާއި އެކި މީހުންގެ ފަރާތުން ލިބިވަޑައިގެންނެވި 12 މިލިއަން ރުފިޔާއެވެ. އަދި ކެމްޕެއިނަށް ތަކެތީގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިވަޑައިގެންފައި ނުވާ ކަމަށް މާލީ ބަޔާނުން ދައްކައެވެ. ކެމްޕެއިން ނިމުނުއިރު ބާކީވީ 303 ރުފިޔާއެވެ.

މި ދެ ކެންޑިޑޭޓުން މިހާ ބޮޑު ހަރަދެއް ކުރެއްވި ނަމަވެސް ވޯޓު ލިބިވަޑައިގެންފައި ވަނީ 285،950 ރުފިޔާ ހަރަދު ކުރެއްވި އުމަރު ނަސީރު އަށް ވުރެ ވެސް މަދުންނެވެ. ގާސިމް އަށް 5460 ވޯޓު ލިބިވަޑައިގެންނެވި އިރު ނާޒިމް އަށް ލިބިވަޑައިގަތީ 1907 ވޯޓެވެ. އެއާ ހިލާފަށް އުމަރަށް ވަނީ 6343 ވޯޓު ލިބިވަޑައިގެންފައެވެ.

އިންތިހާބުގައި ވާދަ ކުރެއްވި ފާރިސް މައުމޫން ހަރަދު ކުރައްވާފައި ވަނީ 1.1 މިލިއަން ރުފިޔާއެވެ. ފާރިސްއަށް 2979 ވޯޓު ލިބިވަޑައިގެންފައި ވާއިރު ހަސަން ޒަމީލް ހަރަދު ކުރެއްވީ 16،259.68 ރުފިޔާ އާ އެކު އޭނާ އަށް ލިބިވަޑައިގަތީ 327 ވޯޓެވެ. އިލްޔާސް ލަބީބު 2.5 މިލިއަން ރުފިޔާ ހަރަދު ކުރެއްވި އިރު އޭނާ އަށް ލިބިވަޑައިގަތީ 15،839 ވޯޓެވެ.