ކުޑަކުދިންނަކީ ފުރިހަމަ ރައްކާތެރިކަން ލިބިގެންވާ ބަޔަކަށް ހެދުމަށް މައިންބަފައިންނާއި ބެލެނިވެރިން މިއަދު އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ދުނިޔެ އަށް ތުއްތު ކުއްޖަކު އުފަންވުމުން، އެ ކުއްޖާ އަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭން ޖެހޭ ހައްގަކީ މައިންބަފައިންނާއި ބެލެނިވެރިންގެ ފުރިހަމަ އަޅާލުމާއި ލޯތްބާ އެކު ދުޅަހެޔޮ ސިއްހަތެއްގައި އެ ކުދިން ބޮޑުކޮށް ރަނގަޅު އަހުލާގުގެ މަތީގައި ތަރުބިއްޔަތުކޮށްދިނުމުގެ ހައްގު ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ އިންސާނެއްގެ ހަޔާތުގައި ވެސް، އެ މީހަކާ ބައްދަލުކުރާނެ އެންމެ ފޮނި ދުވަސްތަކަކީ ކުޑަކުއްޖެއްގެ ގޮތުގައި އެ މީހާ ހޭދަކުރާ ދުވަސްތަކެވެ. ނަމަވެސް ދިރިއުޅުމުގައި އެ ފޮނިކަން އިހްސާސްކުރެވޭނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، އާއިލާގެ ތެރެއިންނާއި މުޖުތަމައުން އެ ކުދިންނަށް އަޅާލުމާއި ލޯބި ލިބިގެންނެވެ.
ހަމަ އެއާއެކު، ގައުމީ ތަރައްގީގެ ވިސްނުމުގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުމަށް ބެލެނިވެރިންނާއި މައިންބަފައިން މިއަދު ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި، އެގޮތުން ކޮންމެ ކުއްޖަކީ ގައުމަށް ބޭނުންތެރި ކުއްޖަކަށް ހެދޭތޯ ބެލުމަށް ދައުލަތާއި މުޖުތަމައާއި މައިންބަފައިންނާއި ބެލެނިވެރިން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ، މުޖުތަމައުގައި ހިމެނޭ އެންމެ ނާޒުކު އެއް ބަޔަކީ ކުޑަކުދިން ކަމަށް ވާތީ، އެ ކުދިންނަށް އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވަނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ މުޖުތަމައުގައި އުޅޭ ބޮޑެތި މީހުންގެ ބޮލުގައި އެޅިފައިވާ ކަން ހަނދާން ކޮށްދެއްވައިފައެވެ.
ކުދިން ތަރުބިއްޔަތު ކުރުމުގައި އެ ވަގުތަކު ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ރިއާޔަތްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމުގައި މިއަދު ސަމާލުކަން ދޭން ޖެހިފައިވާ ތިން ކަމެއް ރައީސް ފާހަގަކުރެއްވިއެވެ. އެ ކަންކަމަކީ:
- ކުދިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ގައުމީ ލޯބި އަށަގެންނެވުމަށް
- ކުދިންނަށް އޯގާތެރިވެ، ބޮޑެތި މީހުންނަށް އިހްތިރާމް ކުރުމަށް ދަސްކޮށްދިނުމަށް
- ތަފާތު ހިޔާލުތަކާ އެކުގައި ވެސް އެކަތިގަނޑެއްގެ ގޮތުގައި އިޖުތިމާއީ ގުޅުން ދެމެހެއްޓުމަށް
މި ކަންކަމުގައި ކުޑަކުދިންނަށް މަގު ދައްކައިދޭން ތިބީ ބެލެނިވެރިންނާއި މައިންބަފައިންގެ އިތުރުން މުދައްރިސުން ކަމަށް ރައީސް ވިދާޅުވިއެވެ.