އިމުގެ މައްސަލައާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މަގާމުތަކުން ދުރުކުރުމަށްޓަކައި އިމްޕީޗްމަންޓް މޯޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ވިސްނަމުންދާ ކަމަށް، އެމްއެންޕީން މިއަދު ބުނެފިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި، އިކުއިޑިސްޓެންޓުގެ ދަށުން ބަހާލުމަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ހުކުމްކުރީ މިދިޔަ ހުކުރު ދުވަހުގައެވެ. ސަރުކާރުން ބުނާ ގޮތުން، 200 ނޯޓިކަލް މޭލުގެ އިކުއިޑިސްޓެންޓުގެ ދަށުން ބަހާލުމުން ބޮޑު ބައެއް ލިބެނީ ރާއްޖެ އަށް ކަމަށެވެ. ނަމަވެސް މިކަމުގައި ވެސް ހިޔާލު ތަފާތުވުން އެބަ ހުއްޓެވެ.
އެ މައްސަލައާ ގުޅިގެން އެމްއެންޕީން ދެކޭ ގޮތް ހާމަކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، އިކުއިޑިސްޓެންޓުގެ ދަށުން ބަހާލުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭން ބޮޑު ސަރަހައްދެއް ގެއްލިގެން ހިނގައްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިގޮތަށް ކަން ވެގެން ދިޔައީ ސަރުކާރުން ބަލަން ޖެހޭ މިންވަރަށް ނުބަލައި، ސަރުކާރުން އިހުމާލުވުމުގެ ސަބަބުންނެވެ.
"އެއީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ލިބިދޭ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން އެބަ ޖެހޭ،" ނާޒިމް ވިދާޅުވިއެވެ.
އެގޮތަށް ބަލާއިރު، ސަރުކާރުން ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އިމުގެ މައްސަލައިގައި ސަރުކާރުގެ ވިސްނުން ބަދަލުކުރަމުން ދިޔައީ ކީއްވެތޯ ސުވާލުކުރައްވައި ނާޒިމް ވިދާޅުވީ، ސަރުކާރުން ވަނީ އެ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް މައްސަލައިގެ ތެރެއަށް ވަދެފައި ކަމަށެވެ. އެ މައްސަލައަށް ސަރުކާރުން ވަނީ ރައީސަށް ގާނޫނުއަސާސީން ލިބިދީފައިނުވާ ބާރެއް ބޭނުންކޮށްގެން މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ކަމަށް، އިޓްލޮސްގެ ހުކުމުން ހާމަވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، އެ މައްސަލައިގައި ރައީސް ސިޓީ ފޮނުއްވާފައި ވަނީ މަޖިލީހުގެ ރުހުން ނުހޯއްދަވައެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށޫއަރާ ބައި ކަނޑައެޅުމުން، ސަރުކާރުން މިއީ ކާމިޔާބެއް ކަމަށް ފާހަގަކުރި ނަމަވެސް، ހަގީގަތުގައި އެއީ ކާމިޔާބީ އެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ބޭސް ލައިނުން ފެށިގެން މިހާތަނަށް އީއީޒީގެ ގޮތުގައި ބެލެވުނު 200 ނޯޓިކަލް މޭލުގެ ބޭނުން ހިފައި، ރާއްޖޭން ނަފާ ހޯދަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އެ މައްސަލަ އޮތް ގޮތަށް އޮތް ނަމަ، ދެކުނުގެ ރަށްރަށުގެ މަސްވެރިންނަށް މަސައްކަތްކުރަމުން ދެވޭނެ ކަމަށާއި، އިޓްލޮސް އިން ކުރި ހުކުމްގެ ސަބަބުން ގެއްލިގެން ދިޔައީ ރާއްޖެ އަށް ފައިދާ ލިބޭނެ ސަރަހައްދެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. މިކަން މިހެން ދިމާވީ ރައީސް ޒިންމާ އަދާ ނުކުރައްވައި އަމިއްލަ އަށް ގޮތް ނިންމެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު، ތިން ބޭފުޅަކު އެ މައްސަލައިގައި ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އިމުގެ މައްސަލައިގައި ފޮރިން މިނިސްޓަރު ޝާހިދާއި ރައީސްގެ އިތުރުން، ބަންޑާރަނައިބު ރިފްއަތު ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ.
ކަން ހިނގި ގޮތުން އެ ތިން ބޭފުޅުން މިއަދު މަގާމުތަކުގައި ތިއްބެވުން ހައްގެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެއާއެކު، ތިން ބޭފުޅުން ވެސް އިސްތިއުފާ ދެއްވުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.
އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.
ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން މޮރިޝަސް އާ އެއްކޮޅަށް ރާއްޖޭން ވޯޓު ދޭން ނިންމިކަން ހާމަކުރައްވައި، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ރައީސް މިދިޔަ އަހަރު ވަނީ ސިޓީފުޅަކުން އަންގަވައިފައެވެ. ނަމަވެސް ރާއްޖޭން މި ހުރިހާ ދުވަހު ދަމަހައްޓަމުން އައި ނިންމުން ކަމަށްވާ އިނގިރޭސިވިލާތާ އެއްކޮޅަށް ވޯޓު ދެމުން އައި އުސޫލު ބަދަލުކުރުމަށް ރާއްޖޭން ނިންމި ސަބަބު އަދިވެސް ސާފެއް ނޫނެވެ.
ސާބަހޭ އެމްއެންޕީ. ތިޣައްދާރުންތައް ބޭރުކޮށް ހަވަރަށްދީ
ޑިފެންސް މިނިސްޓަރަކަށް ހުރި އިރު ތި މައުދަން ނުނެގީ ކީއްވެ. އެހެން ނޫނަސް ވެރިކަމުގެ ދަހި ވެތި ކަމުގަ ދައްކާ މޮޅެތި ވާހަކަ ތީ.