މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓްގެ ޑެޕިއުޓީ މިނިސްޓަރު މަރްޔަމް ޝިއުނާ، އިންޑިއާ އާއި އެ ގައުމުގެ ވެރިންނަށް 'ބޭއަދަބީ' ބަހުން މުހާތަބު ކުރައްވާ ކުރެއްވި ޕޯސްޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ތަނެއްގެ ގޮތުގައި އޮތް ލަކްޝަދީޕަށް ވަޑައިގެން ގޮނޑުދޮށްތަކުގެ ރީތިކަން ފެންނަ ގޮތަށް ކުރެއްވި ޕޯސްޓާ ގުޅިގެން ޝިއުނާ ވަނީ މޯދީއަށް ބޭއަދަބީ ބަހުން މުހާތަބު ކުރައްވައި 'އެކްސް' ގައި ޕޯސްޓެއް ކުރައްވާފައެވެ.
މި ޕޯސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައި ވާއިރު ރައީސް ނަޝީދު ވަނީ ސަރުކާރުގެ މަގާމެއްގައި ހުންނެވި ބޭފުޅަކު އެފަދަ ބޭއަދަބީ ބަސްތައް، ރާއްޖެއަށް ސަލާމަތީ ގޮތުންނާ އެހެނިހެން ގޮތް ގޮތުންވެސް މުހިއްމު ގައުމެއްގެ ލީޑަރަކަށް އަމާޒު ކުރުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ މިކަމުގައި ސަރުކާރުގެ އެއްވެސް ހިއްސާއެއް ނުވާކަން ހާމަކޮށްދިނުމާއެކު، އެފަދަ އެއްވެސް ސިޔާސަތެއް ނުގެންގުޅޭކަމުގެ ޔަގީންކަން އިންޑިއާއަށް ދިނުމަށްވެސް ގޮވާލައްވާފައެވެ.
ރައީސް ނަޝީދުގެ އިތުރުން ޝިއުނާގެ ޕޯސްޓް ކުށްވެރިކޮށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގޮތުން އެ ޕާޓީން ވަނީ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ނަސްލީ ތަފާތު ކުރުންތައް ގެންގުޅުމާއެކު އެފަދަ ބޭއަދަބީ ބަހަކުން ގައުމެއްގެ އިސްވެރިއަކާ މުހާތަބުކުރުމަކީ ކަންބޮޑުވާކަމެއް ކަމުގައި ބުނެފައެވެ. އަދި މިކަމުގައި ބައިވެރިވާ އެންމެންނަށް ފިޔަވަޅު އެޅުމަށް އެމްއެންޕީ އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތުރުންވެސް ޝިއުނާގެ މިއަމަލާ ގުޅިގެން އޭނާއާ މެދު ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ގޮވާލާމުން އަންނައިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ކުރިމަތިވެގެން ދާނެ އިތުރު ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
ޝިއުނާގެ އިތުރުން ނައިބު ވަޒީރު މަލްޝާ ޝަރީފުވެސް ވަނީ މޯދީއަށް މަލާމާތް ރައްދުވާ ގޮތަށް އީމޯޖީތައް ބޭނުން ކުރައްވައިގެން އެކްސްގައި ޕޯސްޓްތައް ކުރައްވާފައެވެ.
މިއާއެކު އިންޑިއާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން އެކްޓިވޭޓް ވެ ރާއްޖެއަކީ 'ޗައިނާގެ ޕަޕެޓެއް' ކަމަށާއި ރާއްޖެ ބޯއިކޮތްކުރުމަށް ދަނީ ގޮވާލަމުންނެވެ. އަދި މި ވާހަކަތައް ވައިގައި ހިފައި އިންޑިއާގެ މެއިންސްޓްރީމް މީޑިއާތަކުގައި ވެސް މިހާރު ދަނީ ރާއްޖެއިން މޯދީއަށް މަލާމާތް ކޮށްފި ކަމަށް ބުނެ ހަބަރު ފަތުރަމުންނެވެ.