10 ހާސް މެންބަރުން ހަމަވި ޕާޓީތަކުގެ ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ހިމެނޭ ކަން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މިއަދު ހާމަކޮށްފިއެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރި ދުވަހުގެ ނިޔަލަށް 10 ހާސް މެންބަރުން ހަމަވަނީ ޕީއެންސީ ހިމެނޭހެން ހަ ސިޔާސީ ޕާޓީއެއްގައި ކަމަށެވެ. އެ ޕާޓީތަކަކީ:
- މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
- ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް
- ޖުމްހޫރީ ޕާޓީ
- އަދާލަތު ޕާޓީ
މީގެ ކުރިން 10 ހާސް މެންބަރުން ހިމެނޭ ޕާޓީތަކުގެ ލިސްޓުގައި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ހިމެނުނު ނަމަވެސް، އެ ލިސްޓުގައި އެ ޕާޓީ އެއް މިފަހަރު ނުހިމެނެއެވެ.
އެކަމަކު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން، ދަ ޑިމޮޮކްރެޓްސް ފިޔަވައި ބާކީ ހުރި ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު އެންމެ ފަހުން އަދާހަމަކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެ އަދަދުތަކުން ދައްކާ ގޮތުގައި:
- މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ: 57،660 މެންބަރުން
- ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް: 38،704 މެންބަރުން
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް: 10،386 މެންބަރުން
- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް: 3،159 މެންބަރުން
- ޖުމްހޫރީ ޕާޓީ: 22،607 މެންބަރުން
- އަދާލަތު ޕާޓީ: 9،786 މެންބަރުން
އެހެންކަމުން މިވަގުތު ސިޔާސީ ޕާޓީތަކުގައި ތިބި ސީދާ މެންބަރުންގެ އަދަދު ސާފެއްނޫނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް، 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި އެ ޕާޓީތަކުގައި ތިބި މެންބަރުންގެ ނިސްބަތަށް ބަލައި ދޭން ޖެހޭނެއެވެ.