ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެންނަން ޖެހޭކަން ފާހަގަކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރެވޭ ފަރާތްތަކުގެ މައްސަލަތައް އަވަހަށް ނިންމެވުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ރައީސުލްޖުމްހޫރިއްޔާ އަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެމްއެންޕީން ބުނީ، މި މައްސަލަ ހުށަހެޅީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ ކޯޓުތަކުން މަނާ ކޮށްފައިވާ ގޮތަށް ބަލާ، މި މައްސަލައަކީ ގާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާ މައްސަލައެއް ކަމަށް ފާހަގަ ކުރެވޭތީ ކަމަށެވެ. މިއީ ރައްޔިތުންގެ އަސާސީ ހައްގާ ގުޅިފައިވާ ކަމަކަށް ވާތީ، މި މަސައްކަތަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުންނާއި، ވެރިކަން ކުރިއެރުވުމުގެ ޒިންމާ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަދާ ކުރަންވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްތެއް ކަމަށް އެމްއެންޕީން ފާހަގަ ކުރެއެވެ.
މި މައްސަލާގައި އެ ޕާޓީން ފޮނުވި ސިޓީގައި ކަމާ ގުޅުންހުރި ގިނަ ނުކުތާތަކެއް ފާހަގަކޮށްފައި ވެއެވެ. އެގޮތުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ގާތްގަނޑަކަށް 343 މީހަކު ޖަލުތަކުގެ ހައްޔަރުގައި ތިބިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އެ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖާ ކުރުމުގެ އަޑުއެހުން ފަނޑިޔާރު ގޭގައި ނުހިނގާތީ އެ ފަރާތްތަކަށް ވަނީ އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފައި ކަމަށް އެމްއެންޕީން ބުނެއެވެ. އޭގެ ތެރެއިން ބައެއް މިހުންގެ ޝަރީއަތް ނުހިނގާ އަހަރުތަކަކަށް ދިގުދެމިގެން ގޮސްފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
ބޮޑު މައްސަލައަކަށް ތުހުމަތު ކުރުމަކީ އިޖުރާއީ އިންސާފުން މީހުން އެއްފަރާތް ކުރެއްވޭނެ ގާނޫނީ ހަމައެއް ނޫން ކަމަށް އެ ޕާޓީން ބުނެއެވެ. އެގޮތުން މި މައްސަލައާ ގުޅިގެން މި މަހުގެ 7 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ދާހިލީ ވަޒީރާ ސުވާލު ކުރެއްވުމުން ވެސް މީގެ އަސްލު މައްސަލަ ހައްލު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ކުރެއްވި ވާހަކައެއް ވިދާޅުވެފައި ނުވާ ކަމަށް އެ ޕާޓީން ބުނެއެވެ.
އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ މުހިންމުކަން ރައްޔިތުންގެ މަޖިލީހަށާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ފަދަ ދައުލަތުގެ މުއައްސަސާތަކަށް ފެނިގެން، އެ ފަރާތްތަކުން މިކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމށް އެމްއެންޕީން ބުނެއެވެ. އެހެންނަމަވެސް ރައްޔިތުންގެ އަސާސީ ހައްގުތަކަކާއި ގުޅިފައިވާ މި މައްސަލައަށް އަދިވެސް ހައްލެއް ހޯދިފައި ނުވާ ކަމަށް އެ ޕާޓީން ބުނެއެވެ.
މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ނޫސް ކޮންފެރެންސެއްގައި ނާއުންމީދު ވާހަކަފުޅުތަކެއް ދައްކަވާފައިވުމުން ދޭހަކޮށްދެނީ ބާރުހިނގާ ދައުލަތެއްގެ އިންތިޒާމް ދާން ނުޖެހޭހާ ދެރަވަރު ހާލަތަކަށް ގޮސްފައިވާ ކަން ކަމަށް އެމްޕީން ފާހަގަ ކުރެއެވެ.