އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މަންދޫބުންނާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ބައްދަލު ކުރައްވައިފިއެވެ.

ޗަންޕާއާ ބައްދަލު ކުރެއްވުމަށް ވަޑައިގަތީ އެމްޑީޕީގެ ތިން މެންބަރުން ކަމަށްވާ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ރައީސްގެ ކޮއްކޯފުޅު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވީ، އުއްޗުއާ އެ ބޭފުޅުން ބައްދަލުވީ ހިންނަވަރުގައި ކުރިއަށް ގެންދިޔަ ފުޓްބޯލަ މުބާރާތެއްގެ ފައިނަލް މެޗުން ކަމަށާއި އަދި އުއްޗުގެ ދައުވަތަކަށް އެ ބޭފުޅުން ކުރެއްދޫ އައިލެންޑް ރިސޯޓަށް ވަޑައިގެން ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ގިނަ ކަންތައްތަކަކާ މަޝްވަރާ ކުރެވުނު ކަމަށް ނިޔާޒް ވިދާޅުވިއެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފްސީލެއް ނުދެއްވައެވެ.

ހިންނަވަރުގައި ކުރިއަށް ގެންދިޔަ ފުޓްބޯލާ މުބާރާތަކީ އެސްތީއޯގެ ސްޕޮންސާ އާއެކު ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ. އެ މުބާރާތުގެ ފައިންލަ މެޗު ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ މެޗަށް ފަހު ރައީސް ސޯލިހްގެ މަންދޫބުން އުއްޗުއާ ބައްދަލު ކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

މީގެ ކުރިން ވެސް ރައީސް ސޯލިހްގެ މަންދޫބުންގެ ތެރެއިން ނިޔާޒާއި ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ވަނީ އުއްޗުއާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމަށް ފަހު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވެފައި ވަނީ، އުއްޗުއަކީ ކަންކަން ނިންމުމުގައި ގައުމީ މަސްލަހަތު އިސްކުރައްވާނެ ބޭފުޅެއް ކަމުގެ ޔަގީން ކަން އަބަދުވެސް އޮންނަ ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހަށް ތާއީދު ކުރައްވާނެ ބޭފުޅުންނާ ބައްދަލު ކުރައްވަމުން ގެންދަވާ އިރު، މިއަދު އެމަނިކުފާނު ވަނީ އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާ ވެސް ބައްދަލު ކުރައްވާފައެވެ. އެމްއާރްއެމުން ބުނެފައި ވަނީ އެ ޕާޓީން އަދި ގޮތެއް ނިންމާނީ އެމްޑީޕީއާއެކު ބާއްވަން ނިންމާފައިވާ އިތުރު މަޝްވަރާ ބައްދަުވުންތަކަށް ފަހުގައި ކަމަށެވެ.

މިއަދާ ހަމައަށް އައި އިރު ރައީސް ސޯލިހަށް ތާއީދު ކުރާ ކަން އިއުލާން ކޮށްފައި ވަނީ އަދާލަތު ޕާޓީ އާއި، އެމްޑީއޭ އެވެ.