ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއްވެސް އަސާސެއް ނެތި ސަސްޕެންޑް ކުރުން އެމްޑީޕީއިން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ މިއީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ކައުންސިލްގެ އަގު ވައްޓާލައި، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރުތައް ކަނޑުވައިލުމަށް ވެރިކަން ކުރާ ޕީއެންސީއިން ކޮށްފައިވާ ކަމެއް ކަމުގައެވެ.
އެލްޖީއޭއިން މި ފިޔަވަޅު އަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ބޭނުންވާ ގޮތަށް އެ ކައުންސިލުން އަމަލު ކުރަމުން ނުދާތީ އެ އޮތޯރިޓީއަށް ހުށަހެޅި އެއްވެސް ހަގީގަތެއް ނެތް މައްސަލަ މައްޗަށް ބިނާކޮށް ކަމަށް އެމްޑީޕީއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ މައްސަލަތައް ނުބަލައިގެން ތަކުރާރުކޮށް އެލްޖީއޭއަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި ކައުންސިލަރުންނަށް އެކި ޕްލެޓްފޯމުތަކުގައި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.
އެމްޑީޕީއިން ބުނީ މި މައްސަލަތައް ބެލުމަށް ތިނަދޫ ސިޓީ ކައުންސިލުން އެލްޖީއޭއަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް އެ ކައުންސިލުން އެމްޑީޕީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެއްވެސް އިންޒާރެއް ނެތި އަވަސް އަރުވާލައިގެން މިއަދު ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާއިރު މިހާތަނަށް ތިނަދޫ ސިޓީ ކައުންސިލްގެ އިދާރީ ހިންގުން އިސްލާހުކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަން އެލްޖީއޭއިން އަންގާފައި ނުވާ ކަމަށް ވެސް އެމްޑީޕީއިން ބުނެއެވެ.
މިއަދު އޮފީސް ބަންދުކުރިއިރު ވެސް މިފަދަ ފިޔަވަޅެއް އަޅާފައިވާކަން އެލްޖީއޭގެ ފަރާތުން ތިނަދޫ ސިޓީ ކައުންސިލަށް ރަސްމީކޮށް އަންގާފައިނުވާ ކަމަށާއި އެލްޖީއޭއިން މަސައްކަތް ކުރަމުން ދަނީ ޣައިރު ގާނޫނީ ފިޔަވަޅު އުވައިލުމަށް ކޯޓަށް ދިއުމަށް ތިނަދޫ ކައުންސިލަށް ފުރުސަތު ނުދިނުމަށް ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.
ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވައިލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހަމުތުކޮށް އެމްޑީޕީއިން ބުނީ މިއީ ބާރުތައް މަރުކަޒު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހާއި ކޯޓުތައް މެދުވެރިކޮށް އެމްޑީޕީއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ޕާޓީއިން ވަނީ ދީފައެވެ.
މީގެއިތުރުން އެލްޖީއޭ މެދުވެރިކޮށް ސަރުކާރުން އަޅަމުންދާ ޣައިރު ގާނޫނީ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވުމަށް ރާއްޖޭގެ ހުރިހާ ކައުންސިލަތަކަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.