ޕާޓީގެ އެތެރޭގައި ހިތްހަމަނުޖެހުންތައް ހުއްޓަސް މައްސަލަތައް ހައްލުކުރެވޭނެ ކަމަށާއި، ޕާޓީ ވަރުގަދަކުރެވޭނީ ކުރިން ކެނޑުނު މެންބަރުން ވެސް އަނބުރާ ގުޅުމުން ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު ދެ އަހަރު ފަހުން އެ ޕާޓީއާ އަލުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނާ މެދު ހިތްހަމަނުޖެހޭ މެންބަރުން ތިބުމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ހުޅުވިފައިވާ، އެތެރޭގެ ވާދަވެރިކަން އޮންނަ ޕާޓީއެއް ކަމަށެވެ.
ފައްޔާޒް ގަބޫލުކުރައްވާ ގޮތުގައި އެހެން ޕާޓީތަކަށް ވުރެ އެމްޑީޕީ ވަރުގަދަވާ ސަބަބަކީ ވެސް އެއީއެވެ. އޭނާ ވިދާޅުވިގޮތުގައި ދެފުށްފެންނަ ވާދަވެރިކަން ނެތުމަށް ވުރެ އޮތުމުން އެމްޑީޕީއަށް މާ ފައިދާ ބޮޑެވެ.
ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބައިވެރިވެވަޑައިނުގެންނެވުނީ ފަރުވާއަށް މީގެ ދެ ހަފްތާ ކުރިން ރާއްޖޭން ބޭރަށް ވަޑައިގެން އުޅުއްވާތީ ކަމަށާއި، ނަޝީދު ވެސް މާދަމާ ފުރާވަޑައިގަންނަވާތީ ލަސްނުކޮށް ޖަލްސާ ބޭއްވީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ހީނަރުކަމެއް އަންނާނެ ކަމަށް އަޅުގަނޑަށް ހަމަ ކުޑަކޮށް ވެސް ގަބޫލެއްނުކުރެވޭ، އެބަހުރި ހިތްހަމަނުޖެހުން،"
އޭނާ ވިދާޅުވީ، ނަޝީދާއި އެމަނިކުފާނުގެ އަރިސް މެންބަރުން އެމްޑީޕީން ވަކިވެވަޑައިގަތީ އެންމެ ރަނގަޅަށް ކަމުގައި ނުވި ނަމަވެސް، އެފަދަ ކަންކަން ހިތުގައި ނުބާއްވާ ސިޔާސީ މަސައްކަތްކުރުމުގައި ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމާ ގުޅިގެން، ނަޝީދާ އެކު ކުރިއަށް ދެވޭނެ ކަމަށް ޕާޓީގެ 90 ޕަސެންޓް މެންބަރުން ގަބޫލުކުރާ ކަމުގައި ވެސް ފައްޔާޒް ވިދާޅުވިއެވެ.
2005 ވަނަ އަހަރު އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އިސްކޮށް އުޅުއްވި ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ ޖޫން 2023 ގައި، އެ އަހަރު ކުރީކޮޅު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހުގައެވެ. އޭގެ ފަހުން އެމަނިކުފާނު ޑިމޮކްރެޓްސްގައި ހަރަކާތްތެރިވެ ވަޑައިގެންފައިވެއެވެ. ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެރޭގައެވެ.