އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މީގެކުރިންވެސް ފައްޔާޒް ވަނީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އޭރު ފޮނުއްވި މެސެޖާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ، ޕާޓީގެ ހާއްސަ ކޮންގްރެސްއެއް އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ ކޮންގްރެސް އާއި ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމާ ގުޅުމެއް ނެތްކަން ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ، ޕްރައިމަރީން ކަނޑައަޅާ ކެންޑިޑޭޓް ހައްޔަރުކޮށް، ޖަލަށްލައި ނުވަތަ ޕާޓީގެ ލީޑަޝިޕްގެ އެހެން ބޭފުޅުން ޖަލަށްލާ ހާލަތެއްގައި މެނުވީ ކޮންގްރެސްއިން ރިޔާސީ ކެންޑިޑޭޓެއް ކަނޑަނާޅާނެ ކަމަށެވެ.

އެހެންކަމުން ދުނިޔޭގައި އެހާތަނަށް ހުރެއްޖެނަމަ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. "މާތްﷲގެ އިރާދަފުޅުން ދުނިޔޭގައި ހުރެއްޖެނަމަ ކުރާނަން،" ފައްޔާޒް ވިދާޅުވިއެވެ.

އެ ސުވާލު ޕާޓީގެ ރައީސް ޝާހިދުއަށް އަމާޒު ކުރެއްވުމުން މާބޮޑު ތަފްސީލެއް ނުދެއްވާ އޭނާ ވިދާޅުވީ މިވަގުތު ފޯކަސް އޮތީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު ޕާޓީއަށް ކާމިޔާބުކޮށްދޭން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ އިއުލާން ކުރައްވައިފަ އެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ގާތް ބޭފުޅުން މެދުވެރިކޮށް ސޯލިހު އިއުލާން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެކަން އިއުލާން ކުރެއްވުމުންނެވެ. ނަޝީދު ވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

2005 ވަނަ އަހަރު އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އިސްކޮށް އުޅުއްވި ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ ޖޫން 2023 ގައި، އެ އަހަރު ކުރީކޮޅު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހުގައެވެ. އޭގެ ފަހުން އެމަނިކުފާނު ޑިމޮކްރެޓްސްގައި ހަރަކާތްތެރިވެ ވަޑައިގެންފައިވެއެވެ. ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެރޭގައެވެ.