އިދިކޮޅު ޕީޕީއެމް/ ޕީއެންސީއިން ހުކުރު ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖެއް ބާއްވަން ނިންމައިފިއެވެ.
އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުކުރު ދުވަހު ހަވީރު 4 އިން ފެށިގެން މި މުޒާހަރާ ކުރިއަށް ދާނެ ކަމަށެވެ.
އެ ހަރަކާތް ކުރިއަށް ގެންދިޔުމަށާއި ހަރަކާތުގައި ބައިވެރިވުމަށް ހުރިހާ ދާއިރާއެއްގެ ރައީސުންނާއި ނައިބު ރައީސުން އަދި ސްޓިއަރިން ކޮމެޓީތަކަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މާލޭގައި އެ ހަރަކާތް ކުރިއަށް ގެންދާނީ މާހެފުމަކާއެކު ރަސްފަންނުގައި ކަމަށާއި އެ ހަރަކާތުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ދިރިއުޅޭ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ. އަދި ރަށްރަށުގައިވެސް އެންމެން ވަރަށް ރޫހުގައި އެ ހަރަކާތް ކުރިއަށްގެންގޮސް ދިނުމަށް މުހައްމަދު އިސްމާއިލް ވަނީ އެދިވަޑައިގެންފައެވެ.
ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި މިހާރު މައްސަލަ އިސްތިއުނާފް ކޮށްފައިވާ އިރު، ދެ ފަހަރެއްގެ މަތިން އިސްތިއުނާފް ފޯމު އިސްލާހުކޮށް އަލުން ހުށަހެޅުމަށް ހައިކޯޓުން އެދިފައި ވެއެވެ. އެ ގޮތުން އިއްޔެ ވަނީ ހައިކޯޓަށް އެ މައްސަލަ އިސްލާހުތައް ފުރިހަމަކޮށް ހުށަހަޅާފައެވެ.
ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅުން އެކި ފެންވަރުގައި ހަރަކާތްތައް ކުރިއަށް ގެންދަމުންދާއިރު ކޮންމެ ރެޔަކު ހެން އިހުތިޖާޖުތައްވެސް އަންނަންނީ ކުރަމުންނެވެ.
އަނިޔާއިން އުފަންވި ޕާޓީއަކުން ސުލްހަވެރި އެއްވެސް ކަމެއް ބާއްވާނެ ހެއްޔެވެ؟ ބަލަން ތިބޭށެވެ.