އުފަންވާއިރު ހުންނަ އައިބެއްގެ ސަބަބުން ދިރިއުޅުމުގައި ދިމާވާ އެކި ހުރަސްތައް ގިރާކޮށް ކާމިޔާބު މީހަކަށް ދަރިން ހަދަން ކޮންމެ މަންމައަކާއި ބައްޕައަކުވެސް ގަދައަޅާ މަސައްކަތްތަކެއް ކުރެއެވެ. އެ ކުއްޖެއްގެ އައިބު ދެނެގަނެވޭ ހިސާބުން މުޖުތަމައުން ދިމާވާނެ ގޮންޖެހުންތަކަށް ކުއްޖާ ތަމްރީންކޮށް، ތަރުބިއްޔަތު ކުރަން މައިންބަފައިން މަސައްކަތްތަކެއް ކުރެއެވެ.
މާޗު މަހުގެ 3 ވަނަ ދުވަސް، ވޯލްޑް ބާތް ޑިފެކްޓް ޑޭ ނުވަތަ އުފަން ވާއިރު އައިބުތައް ހުންނަ ކުދިންނަށް ހާއްސަކޮށްގެން ފާހަގަކުރާ އިރު، ދުނިޔޭގައި އަދި ރާއްޖޭގައިވެސް ގިނަ އަދަދެއްގެ ކުދިންގެ އައިބުތަކެއް ހުރެއެވެ. ނަމަވެސް މިހެން ދިމާވާ މައިގަނޑު ސަބަބެއް ރާއްޖޭގައި އަދި ހޯދިފައެއް ނުވެއެވެ. ވޭތުވެދިޔަ 10 އަހަރު ތެރޭގައި ކޮންމެ އަހަރަކުވެސް އައިބުތައް ހުރިކަން ފާހަގަ ކުރެވޭ 300 އެއްހާ ކުދިން ރާއްޖެގައި އުފަންވެފައި ވާއިރު އޭގެ ތެރޭގައި ބޮޑެތި އަދި ކުދި އައިބުތައްވެސް ހިމެނެއެވެ. އެގޮތުން އަޑު ނީވުމަކީ ފާހަގަ ކޮށްލެވޭ އައިބެކެވެ.
ގދ. ގައްދޫއަށް އުފަން އުމުރުން 30 އަހަރު އިސްއާފް އަބްދުއްސަމަދަށް އަޑު ނީވުމާއި އަޑު ނެރެގެން ވާހަކަ ނުދެއްކޭ ކަން އެނގުނު ހިސާބުން އޭނާގެ މައިންބަފައިން ދިން ތަރުބިއްޔަތަކީ އެފަދަ އެހެން ކުދިންނާ ހިލާފަށް ކުރިއަށް ދިއުމަށް އޭނާއަށް ލިބުނު ވަރަށް ބޮޑު އެހީއެކެވެ. އެފަދަ އެހެން މީހުންނާ ހިލާފަށް އިޝާރާތުން ވާހަކަދެއްކުމުގެ އިތުރުން މީހުން ދައްކާ ވާހަކަ އަނގަ ހަރަކާތް ކުރާގޮތަށް ބަލައިގެން އެ ވާހަކަތައް ދެނެގަތުމާއި އެފަދައިން ވާހަކަދައްކަންވެސް އިސްއާފްއަށް އޭނާގެ މައިންބަފައިން ވަނީ ދަސްކޮށްދީފައެވެ.
ވިހެއުމަށްފަހުވެސް އިސްއާފްއަކީ އެފަދަ ކުއްޖެއްކަން އޭނާގެ މައިންބަފައިންނަށް ދެނެގަނެވިފައި ނުވި ނަމަވެސް އާދަޔާ ހިލާފަށް އިސްއާފް ރޯކަށް އޭނާގެ މަންމައަށް ވަނީ ފާހަގަވެފައެވެެ. އިސްއާފްއަށް އަޑުނީވޭކަން ދެނެގަނެވުނު ގޮތް އޭނާގެ ބައްޕަ، އަބްދުއް ސަމަދު ކިޔައިދީފައި ވާއިރު އޭނާ ބުނީ އިސްއާފްގެ އުމުރުން ހަ މަހުގައި ފެންޑާގައި އެލުވާފައި އިން ޖޯއްޔެއްގައި އިސްއާފް ނިދާފައި އޮއްވާ ފުރާޅު މައްޗަށް ދަރުފަޅިއެއް އެއްލުމުންވެސް އިސްއާފް ނުހޭލި ކަމަށެވެ. އެ ފެންޑާގެ ފުރާޅު ވަރަށް ތިރި ކަމަށާއި އެ އަޑު ވަރަށް ބާރަށް އިވުނުކަން ފާހަގަކުރަމުން ސަމަދު ބުނީ އިސްއާފް ހޭލަފާނެ ކަމަށްވެސް އޭނާގެ މަންމަ ބުނި ކަމަށެވެ. އެހެންނަމަވެސް އަޑު ނީވެނީތޯ ޝައްކު އުފެދި، ދެތިން ދަރު ފަޅި އެއްލުމުންވެސް ނުހޭލާ ކަމަށެވެ.
އިސްއާފްގެ އާއިލާއަށް އޭގެ ކުރިން ހީވެފައި ވަނީ އެކަން ދިމާވީ ރޯގާ ޖެހިގެން ކަންފަތުން އެއްޗެހި ތަކެއް އައުމުން ކަމަށެވެ. އެހެންނަމަވެސް ރަށުން އެކަން ޔަގީން ކުރެވެން ނެތުމުން މާލެ އައިސް މާލެ އޮޕްޓިކަލްއިން އޯޑިއޯ މެޓްރީ ޓެސްޓު ހެދުމަށްފަހު ފުރައިގެން ދިޔައީ އިންޑިއާއަށެވެ. އިންޑިއާއިން އިސްއާފް ދެއްކި ޑޮކްޓަރާ ހަވާލާދީ ސަމަދު ބުނީ އެކަން ދިމާވެފައިވަނީ ރޯގާ ޖެހިގެން ނޫން ކަމަށާއި އެއީ އުފެދުމުގައި އިސްއާފްގެ އޮޕްޓިކް ނާރު ބަލި ކަށިވެފައި ވުމުން ދިމާވި މައްސަލައެއް ކަމަށެވެ.
އެ ވަގުތުގެ އިހުސާސްތައް ކިޔައިދެމުން އިސްއާފްގެ މަންމަ، ރަހުމަތު މޫސާ ބުނީ އިސްއާފް އަކީ އެ މީހުންގެ ފުރަތަމަ ދަރިފުޅު ކަމަށާއި އެކަހަލަ ކުއްޖެއްކަން އެނގުމުން ވަރަށް ދެރަވި ކަމަށެވެ.
އުންމީދު ކަނޑާލުމެއް ނެތި ކުރި މަސައްކަތުން ހަމައެކަނި އޮތް އެހީއަކީ ހިޔަރިން އެއިޑް ކަމަށް ޑޮކްޓަރު ބުނުމުން އިސްއާފްގެ އުމުރުން ގާތްގަނޑަކަށް 8 މަހުގެ އެ އިއިޑް ލެއްވުމުން އިސްއާފްއަށް އުނދަގޫވެ އޭތި ނައްޓުވާލާ ކަމަށް ސަމަދު ވަނީ ބުނެފައެވެ.
އެނބުރި މާލެ އައިސް އިތުރު ދެ ފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް އިސްއާފަށް ފަރުވާ ހޯދަން ދިޔަ ކަމަށާއި އެ ދުވަސް ވަރު ކޮކްލިއާ އިންޕްލާންޓް ސާޖަރީ އޭޝިޔާގެ އެއްވެސް ސަރަހައްދަކުން ކުރެވެން ނެތް ކަމުން ވަކި އުމުރަކަށް ވުރެ ބޮޑުވުމުން އެ އޮޕަރޭޝަން ނުކުރެވުނީ ކަމަށްވެސް ސަމަދު ބުނެއެވެ.
އިސްއާފްއަށް ވާހަކަދައްކަން ދަސްކޮށްދީފައިވާ ގޮތަކީ ގިނަ ބަޔަކު ހައިރާން ކުރުވާ ކަމަކަށް ވިޔަސް އެކަމަށް ތަމްރީން ކޮށްފައިވާ ގޮތާ މެދުވެސް ސުވާލުއުފެދޭހާ އަޖައިބުވެއެވެ. ސަމަދު ބުނީ އިސްއާފްގެ ކުރިމަތީ ހުރެެގެން އަގައިން ވާހަކަ ދައްކައިގެން ކިޔާ އެއްޗެއް އިސްއާފަށް ނަގައިގަންނަން މަސައްކަތްކޮށްދިނީ ކަމަށެވެ. މިއަދު އިސްއާފްއަށް އޭނާގެ ރަށުގެ ބަހާއި ދިވެހި ބަހުގެ އިތުރުން އިޝާރާތުން ވާހަކަ ދައްކަން އެނގެއެވެ. އާންމު މީހުންނާ ތަފާތަކީ އޭނާގެ އަޑު ނުނިކުތުމެވެ. އާއިލާގެ ބައެއް މެންބަރުންނަށް އިޝާރާތުން އޭނާއާ ވާހަކަދައްކަން އެނގުނަސް ރަހުމަތު ބުނާ ގޮތުގައި އިސްއާފްއާ އަނގައިން ވާހަކަދެއްކޭތީ އިޝާރާތުން ވާހަކަދައްކަން މާބޮޑަށް ދަސްވެފައި ނެތް ކަމަށެވެ.
ބޮޑުވެގެން އައިއިރު އަޑު އިވޭ މީހުން އުޅޭކަން އެނގުމުން އިސްއާފްއަށް އަޑު ނީވެނީ ކީއްވެތޯ އަހާ ކަމަށް ރަހުމަތު ބުނެއެވެ. އަދި އަޑު ނީވެނީ ކަރުދާސް އެޅުމުން ހޭ ނޫނީ ފެންވެރުވިއިރު ފެން އެޅުމުންތޯވެސް އިސްއާފް އަހާ އޮޅުން ފިލުވި ކަމަށެވެ. އެހެންނަމަވެސް އެކަންކަން މެދުވެރިވީ މާތް ﷲ ގެ ކުޅަދުންވަންތަ ވެރިކަމުންނޭ ކަމަށް ބުނެދެމުން އައި ކަމަށް ރަހުމަތު ފާހަގަކުރެއެވެ.
ޔޫކޭޖީގައި ގައްދޫ ސްކޫލަށް ދިއުމަށްފަހު ގްރޭޑް 1 އަށް މާލެ އައިސް ޖަމާލުއްދީން ސްކޫލަށް އޭނާ ބަދަލުވިއެވެ. އެހެންނަމަވެސް ދިމާވި ކުޑަ މައްސަލައަކާއެކު އިސްއާފް އަލުން ރަށު ސްކޫލަށް ބަދަލުކުރިއެވެ. ގްރޭޑް 5 އަށް ޖަމާލުއްދީން ސްކޫލުން ކިޔަވަން ފެށުމަށްފަހު ގްރޭޑް 10 އިސްއާފް ނިންމާލާފައިވަނީ އެ ސްކޫލުންނެވެ.
އިސްއާފް ބުނީ ޖަމާލުއްދީން ސްކޫލަށް ވަނުމަށްފަހު އިޝާރާތުން ވާހަކަދައްކަން ފެނުން ވީ އޭނާއަށް ވަރަށް އާ ކަމަކަށް ކަމަށާއި އެހެންނަމަވެސް ދަސްވުމުން ވަރަށް ފަސޭހަވި ކަމަށެވެ. ރަށުގައި ކިޔެވިއިރު މާ ބޮޑު ސަޕޯޓެއް ނުލިބުނު ނަމަވެސް އޭނާގެ ތައުލީމީ ހަޔާތް ބަދަލުކޮށްލި ތަނަކީ ޖަމާލުއްދީން ސްކޫލް ކަމަށް އޭނާ ދެކެއެވެ.
އިސްއާފް ބޭނުންވީ ކިޔަވާ ނިންމުމަށްފަހު އޮފީސް މަސައްކަތެއް ކުރާ ވަޒީފާއެކެވެ. އޭނާ އެންމެ މަސައްކަތް ކުރާ ހިތްވީ އެއާޕޯޓުގައެވެ. އެހެންނަމަވެސް އެކަންކަމުގައި ގިނަ ހުރަސްތަކެއްވެސް ހުއްޓެވެ.
ތައުލީމީ ހަޔާތް ނިންމާލުމަށްފަހު ވަޒީފާއަކަށްދާން ބޭނުންވެގެން ވަޒީފާއެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ވަޒީފާއެއް ނުލިބުނެވެ. އެއަށްފަހު އިސްއާފްގެ އުމުރުން 20 އަހަރުގައި ޒަވާޖީ ހަޔާތެއް ފަށާފައިވާއިރު އޭނާގެ ފިރިމީހާ، އަހުމަދު ޒާހިރަކީވެސް އިސްއާފް ފަދައިން އަޑު އިވުމާއި ވާހަކަދެއްކުމުގައި އެފަދަ އައިބުތަކެއް ހުރި މީހެކެވެ.
ކައިވެންޏަށް އަހަރެއްވުމާއެކު ދަރިއަކު ލިބުން ވެގެން ދިޔައީ ވަރަށް ބޮޑު އުފަލަކަށް ނަމަވެސް އެ ދަރިފުޅަކީ ބަލި ކުއްޖެއްކަން އެނގުން ވެގެން ދިޔައީ އިސްއާފްގެ ހިތް ފަޅައި ދިޔަ ފަދަ ކަމަށެވެ. އިސްއާފް ބުނީ މާބަނޑު ދުވަސްވަރަކުވެސް އެފަދަ ކުއްޖަކު ލިބިދާނެ އެކޭ ހިތަކަށް ނާރާ ކަމަށާއި އަޑު ނީވޭ މީހުންނަށްވެސް ވަރަށް ގިނައިން ރަނގަޅު ކުދިން ލިބިފައި ތިބިތަން ފެނިފައި ހުރުމާއެކު އެ ބިރު ހިތަކު ނީދޭ ކަމަށެވެ.
މިއަދުވެސް އިސްއާފް އެންމެ ވިސްނާ ފިކުރު ބޮޑުވާ ކަމަކީ އެ ދަރިފުޅާ މެދުއެވެ. އިސްއާފްއާއި އަހުމަދަށް އަޑު ނީވުމާއެކު އެ ދަރިފުޅަށް ދިމާވި ބަލި ހާލަތުން އެ ދަރިފުޅު ބޮޑުވުން ގެންގުޅޭނެ ގޮތަކާ މެދު އަބަދުވެސް ފިކުރުކުރެވެ. އެހެންނަމަވެސް އެ ދަރިފުޅު ކިޔަވާ މޮޅު ކުއްޖަކަށް ހެދުމަށް އިސްއާފް ވަރަށް ބޮޑު ހުވަފެނެއް ދެކެއެވެ.
ހުޅުމާލެ ފޭސް 2 އިން ހިޔާ ފްލެޓް ލިބި އެ އާއިލާ ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާއިރު އެ ދެމަފިރިންވެސް ވަޒީފާއަދާކުރަނީ ވެމްކޯގެ ވެށިފާރަވެރިންގެ ގޮތުގައެވެ. ހެނދުނުގެ ޑިއުޓީގައި އަހުމަދު އުޅޭއިރު އިސްއާފް ޑިއުޓީއަށްދާނީ އަހުމަދު ގެއަށް އައުމަށްފަހުއެވެ. ދެމީހުން ބަހާލައިގެން ދަރިފުޅު ބަލަމުން ޑިއުޓީ އަދާކުރަމުންދާއިރު ދަރިފުޅަކީ ބަލި ކުއްޖަކަށްވުމާއެކު ދަރިފުޅު ބެލުމަކީވެސް ވަރަށް އުނދަގޫ ކަމަކެވެ.
އިސްއާފް ބުނީ އެންމެ ފުރަތަމަ ވަޒީފާއަށް ގޮސް އަޑު ނީވޭތީ އުނދަގޫވި ނަމަވެސް އެންމެންނާއެކު އުޅެން ފެށުމުން މިހާރު ވަރަށް މަޖާ ކަމަށެވެ. ވެމްކޯއިން ބައިވެރިވާ އިންޓަ އޮފީސް މުބާރާތްތަކުގައި އިސްއާފްގެ ހުނަރު ފެނިގެންދެއެވެ.
ބައެއް މީހުން ފަސޭހައިން ވާހަކަދައްކާތަން ފެނުމުން އަދިވެސް ބައެއް ފަހަރު އަޑު އިވޭނެ ނަމައޭ ހިތަށް އަރާ ކަމަށާއި އަބަދުވެސް މާތް ﷲގެ މެދުވެރިކުރެއްވި ގޮތް ކަމަށް ގަބޫލުކުރާ ކަމަށް އިސްއާފް ކިޔައިދިނެވެ.
ދިވެހީގެ އިތުރުން އިނގިރޭސިވެސް އިސްއާފްއަށް އެނގޭއިރު އެފަދަ ކުދިން އާދައިގެ މީހުންނާ އެއް ފެންވަރަށް ކިޔަވައިގެން މޮޅުވެ، ވަޒީފާތަކުގައި އުޅޭތައް ދެކެން ވަރަށް ބޭނުންވާ ކަމަށާއި ވަޒީފާ ދިނުމުގައި އަޑުއިވޭމީހުން އެއް ހަމައަކަށް އަންނާނެ ދުވަހަކަށް އިސްއާފް އިންތިޒާރުކުރެއެވެ. އަޑު ނީވުނަސް ކުރެވޭނެ ކަންކަން ހުންނާނެ ކަމަށާއި އަބަދުވެސް ރަނގަޅަށް ވިސްނާ، އަޑު ނީވުމަކީ ނާކާމިޔާބެއް ކަމަށް ނުވިސްނުމަކީ އެފަދަ ކޮންމެ މީހަކަށްވެސް އިސްއާފްދޭން ބޭނުންވާ މެސެޖެކެވެ.